Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ

އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ ވަލީދު އައްޔަންކުރައްވައިފި އެވެ.

ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ ވަނީ ރައީސް އޮފީހުގައި ބާއްވާފަ އެވެ.

ހެރިޓޭޖް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ހީނާ މިހާތަނަށް ހުންނެވީ އެންސްޕާގެ ސީއީއޯގެ މަގާމުގަ އެވެ. އަދި ހީނާ ގެންދެވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ހީނާ ވަނީ މީގެކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.

ހީނާ ވަނީ މީޑިއާގެ ދާއިރާ އިން މަތީ ތައުލީމު ވެސް ހާސިލް ކުރައްވައިފަ އެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.