Last Updated: July 22, 13:09
Wednesday, July 22, 2026
ޚަބަރު

އެންވަޔަރަމެންޓް މިނިސްޓަރަކަށް ޝަރީފް

އެންވަޔަރަމެންޓް މިނިސްޓަރު ކަމަށް ޑރ. އަލީ ޝަރީފް އައްޔަންކުރައްވައިފި އެވެ.

ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ ވަނީ ރައީސް އޮފީހުގައި ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ. އަދި ވަޒީރުކަމުގެ ފަތްކޮޅު ނުވަތަ ލިޔުން ހަވާލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަލީ ޝަރީފް މިހާތަނަށް ހުންނެވީ މި ސަރުކާރުގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމުގަ އެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.