Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މަސައްކަތް ކުރާނީ ބާއްޖަވެރި ރާއްޖެއެއް ބިނާކުރަން

މަސައްކަތް ކުރާނީ ބާއްޖަވެރި ރާއްޖެއެއް ބިނާކުރަން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ" މިނިސްޓަރުކަމަށް، އޭނާ އައްޔަން ކުރެއްވުން ބަލައިގަންނަނީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކު ކަމަށެވެ.

މިނިސްޓްރީގެ ގާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނީ ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށާއި ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ރާއްޖެއެއް ބިނާކުރުމަށް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް ރާއްޖެއަށް ޚިދުމަތް ކުރުމުގައި އަބަދުމެ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ. ގުޅިގެން ބަދަހި ރައްކާތެރި އީޖާދީ މުސްތަގުބަލެއް ބިނާކުރަމާ ހިންގަވާށެވެ،" އިހުސާން ވިދާޅުވި އެވެ.

ރައީސް މުޢިއްޒު އިއްޔެ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަވާފަ އެވެ.