Last Updated: June 5, 22:30
Saturday, June 6, 2026
ކުޅިވަރު

ޕީއެސްޖީ އާއި އެތުލެޓިކޯ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އެތުލެޓިކޯ މެޑްރިޑް އަދި ޕީއެސްޖީ ދަތުރުކޮށްފި އެވެ.

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީ ސެމީއަށް ދަތުރުކުރީ ލިވަޕޫލްއާ ބައްދަލުކުރި ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުވެސް 2-0 އިން ކާމިޔާބުކުރީ ޕީއެސްޖީންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށެވެ. ނަމަވެސް ލިވަޕޫލްގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނުމުގެ ކުރިން ބްލޮކްކުރީ ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޯސް އެވެ.

ޕީއެސްޖީގެ ފުރަތަމަ ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. މިއީ ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބްރޭޑްލީ ބާކޯލާ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޑެމްބެލޭ އެވެ.

ކުއާޓާގެ ދެވަނަ ލެގުގައި ބާސެލޯނާ އަތުން 2-1 އިން ބަލިވި ނަމަވެސް އެތުލެޓިކޯ މެޑްރިޑް ސެމީއަށް ދަތުރުކުރީ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބާސާގެ ދަނޑުގައި ކުޅުނު މެޗު 2-0 އިން އެތުލެޓިކޯ އިން ކާމިޔާބުކުރިއިރު، އެޓީމު ސެމީއަށް ދިޔައީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 25 މިނެޓްތެރޭ ބާސާއިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ފަސްވަނަ މިނެޓްގައި ބާސާގެ ފުރަތަމަ ގޯލު ލަމީން ޔަމާލް ކާމިޔާބުކޮށްދިންއިރު، މެޗުގެ 24 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޑަމޯލާ ލުކްމަން ވަނީ އެތުލެޓިކޯ އަށް މުހިއްމު ގޯލެއް ކާމިޔާބުކޮށްދީ އެގްރިގޭޓު ނަތީޖާއިން އެޓީމު ކުރިއަށް ޖައްސާލައިފަ އެވެ.

ދެވަނަ ހާފުގައި އިތުރު ގޯލެއް ކާމިޔާބުކުރަން ބާސާއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު، އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 79 ވަނަ މިނެޓްގައި ޑިފެންޑަރު އެރިކް ގާސިއާއަށް ރަތްކާޑު ދެއްކުމުންނެވެ. މިއީ އެތުލެޓިކޯގެ ފޯވާޑް އެލެކްޒެންޑާ ސޯލޮތަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑެކެވެ.