Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އެމްޑީޕީން އުޅެނީ ގައުމު ހަލަބޮލި ކުރަން: އައިބީ

ގައުމުގައި ނެތް މައްސަލަކެއް އުފައްދައި، މަގުމައްޗަށް ނުކުމެ އެމްޑީޕީން ކުރަން އުޅޭ ކަމަކީ ހަލަބޮލި ކުރުން ކަމަށް މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުހެ ޖަލްސާގައި އޭނަ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ވެރިކަމާ ހެދި އުޅޭ ބައެެއް ކަމަށެވެ. އެކަމަކު ވެރިކަން ލިބޭނީ ރައްޔިތުންގެ ފަރާތުން ކަމަށާއި ރައްޔިތުން ބޭނުން ނުވާ ބަޔަކަށް ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

އައިބީ ވިދާޅުވީ އެމްޑީޕީން އަނެއްކާ ވެސް ހައެއްކަ މީހުން ގޮވައިގެން މަގުމައްޗަށް ނުކުމެ، ގައުމު ހަލަބޮލި ކުރަން މަސައްކަތް ކުރުމުން އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ މިހާރު ވެސް އިގުތިސާދީ ގޮތުން ދަތިތަކެއް އޮތް ގައުމަށާއި އޭގެ ހުރިހާ ވެސް ދެރައެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.

އޭނަ ވިދާޅުވީ ގައުމު ހަލަބޮލި ކުރުމުން ޓޫރިޒަމް ދާއިރާއަށާއި އެ ނޫން ވެސް އެތައް ވިޔަފާރިއަކަށް ގެއްލުންވެ، އަމިއްލަ އެތައް ވިޔަފާވެރިންނެއް ވަރަށް ބުރަ މަސައްކަތްތަކުން ކޮޅަށް ޖެހި ވިޔަފާރިތައް ހަލާކުވެ، ރާއްޖެ އަށް އިންވެސްޓް ކުރަން ޝައުގުވެރިވާ މީހުން އިންވެސްޓަރުންގެ ޝައުގުވެރިކަން ގެއްލުން ނޫން ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަކީ ވަރަށް ނާޒުކު، ދުނިޔޭގެ ގައުމުތަކުން މީހުން އަންނަން ބޭނުންވާ ހިތްފަސޭހަ މަންޒިލެއް. މި ތަނުގެ ދުވަސް ދުއްވާލަން އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މިތަނުގައި ޓެރަރިސްޓުން އުޅޭ ކަމަށް ބުނެ ބިރުވެރި މާހައުލެއް އުފައްދާ." އައިބީ ވިދާޅުވިއެވެ.

އެހެންވެ އެމްޑީޕީން ޖަހާ ސަކަރާތް ހުއްޓާލައި، ގައުމަށް ހެޔޮއެދޭ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އިސްކަންދޭ ޕާޓީއަކަށް ޕާޓޯީ ވާން ޖެހޭ ކަމަށް އައިބީ ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މަސްތުވާތަކެއްޗާއި އެ ނޫން ވެސް ކުށްތަކުން ގައުމު އަމާންކޮށް، ސުލްހަ މަސަލަސްކަން ގެންނަން ސަރުކާރުން މަސައްކަތް ކުރާ އިރު، އެކަމާ ދެކޮޅަށް ބަޔަކު ނުކުމެ މަސައްކަތް ކުރުމަކީ އެއްވެސް ބަޔަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި މި ސަރުކާރަކީ އަބަދު ވެސް ރައްޔިތުންގެ ހެވާއި ލާބަ އާއި މަސްލަހަތަށް އިސްކަން ދީގެން މަސައްކަތްކުރާ ސަރުކާރެއް ކަމަށް އައިބީ ވިދާޅުވި އެވެ.