Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ފުރަތަމަ ތިން މަހު އިންކަމް ޓެކްހަށް 2.3 ބިލިއަން ރުފިޔާ

އަހަރުގެ ފުރަތަމަ ތިން މަހު އިންކަމް ޓެކްހަށް 2.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާ އިރު 31 ޕަސެންޓްގެ އިތުރުވުމެވެ. މިދިޔަ އަހަރުގެ ފުރަތަމަ އިންކަމް ޓެކްހުގެ ގޮތުގައި ލިބުނީ 1.8 ބިލިޔަން ރުފިޔާ އެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް އާމްދަނީ ލިބިފައި ވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ.

އެގޮތުން އަހަރުގެ ފުރަތަމަ 3 މަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކާއި ރާއްޖޭގައި ވަގުތީ ގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައި ވަނީ 520 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ ވަނީ 329 މިލިއަން ރުފިޔާ އެވެ. .

ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައި ވަނީ 150 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 134 މިލިއަން ރުފިޔާ އެވެ.

ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 490 މިލިއަން ރުފިޔާ ލިބިފައިވާ އިރު،. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 159 މިލިއަން ރުފިޔާ އެވެ.

އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. އެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ޖެނުއަރީ 1، 2020 އިން ފެށިގެންނެވެ. އަދި އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފެށީ އެޕްރީލް 1، 2020 އިން ފެށިގެންނެވެ.