އަންނަ މަހު އޮސްޓްރޭލިއާ އަށް ދަތުރު ފަށަން ނިންމާފައިވާ ކަަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް އައިއޭސް) އިން ބުނީ އެ ދަތުރުތައް ފެށުމަށް ހަމަޖެހިގައި ވަނީ އަންނަ މަހުގެ 17 ގައި ކަމަށެވެ. އަދި ފްލައިޓް އެނބުރި އަންނާނީ މެއި 19 ގަ އެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާ އަށް ފަށާ ދަތުރުތަކުގައި ހަފުތާއަކު އެއް ދަތުރު މާލެ އާއި މެލްބަންއާ ދެމެދު ކުރާނެ އެވެ. އަދި ޑިމާންޑަށް ބެލުމަށް ފަހު ދަތުރުތައް އިތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިދިޔަ މަހުގެ 19 ގައި އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައުވެ އެވެ.
އެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވެ އެވެ.
އޮސްޓްރޭލިއާ އަށް މޯލްޑިވިއަންގެ ދަތުރުތައް ބާއްވާނީ ވައިޑް ބޮޑޯ ބޯޓްގަ އެވެ. އެ އެއާލައިނުން އަންނަނީ ޗައިނާ އާއި އިންޑިއާ އަދި ބަންގްލަދޭޝް އަށް ވެސް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.