ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން ހިއްކަމުން އަންނަ ކ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަންނަ މަހުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުން 169 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ކުރީ ސަރުކާރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެމްއެފްއެމްސީ މެދުވެރިކޮށް ގިރާވަރުފަޅު ހިއްކަން ފަށައި، ޑިސެމްބަރު 2023 ގެ ނިޔަލަށް 54 ހެކްޓަރު ހިއްކާފައިވާ ކަމަށް ވިދާޅުވި އެވެ.
މި މަޝްރޫއު މިހާރު ކުރިއަށް ގެންދަނީ އެމްއޭސީއެލުންނެވެ. އެ ކުންފުނިން އެ މަޝްރޫއު ފެށީ މި އަހަރުގެ ޖެނުއަރީ 31 ގަ އެވެ.
މުއްތަލިބް ވިދާޅުވީ އެމްއޭސީއެލުން ހިއްކުމަށް ކަނޑައަޅާފައިވާ 97 ހެކްޓަރުގެ ތެރެއިން މި މަހުގެ 9 ގެ ނިޔަލަށް 44 ހެކްޓަރު ހިއްކާފައިވާ ކަމަށާއި ކުރިން ހިއްކާފައި އޮތް 54 ހެކްޓަރާއެކު މިހާތަނަށް ޖުމްލަ 98 ހެކްޓަރު ހިއްކާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭން ކުރިން ހެދީ 5،000 އަށް ވުރެ ގިނަ ގޯތި ދޫކުރާ ގޮތަށް ނަމަވެސް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގުޅީފަޅު ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ނިންމުމާއެކު ގާތްގަނޑަކަށް 1،114 ގޯތި ގިރާވަރުން ގުޅީފަޅަށް ބަދަލުކޮށް އަލުން ގުރުއަތު ނަގާފައިވާ ކަމަށެވެ.