ޝޫޓިން ކުރިއަށްދާ ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ ފިލްމު ސީރީޒް 'ފޯސް' ގެ ތިން ވަނަ ބައި ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ބުނީ ފޯސް 3 ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މާޗް 19 ގައި ކަމަށެވެ. ބާވް ދޫލިއާ ޑައިރެކްޓްކުރާ ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޖޯންގެ އިތުރުން ތާނިއާ މަނިކްޓަލާގެ އިތުރުން ހާޝްވަރުދަން ރާނޭ އެވެ.
'ފޯސް' ގެ ފުރަތަމަ ފިލްމަކީ ނިޝިކަންތު ކަމަތު ޑައިރެކްޓްކޮށް 2011 ގައި ގެނެސްދިން ފިލްމެވެ. މީގެ ދެވަނަ ބައި އަބިނޭ ޑިއޯ ޑައިރެކްޓްކޮށް ގެނެސްދިނީ 2016 ގަ އެވެ.
ޖޯން، 53، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ސިނަމާތަކަށް ނުގެނެސް ޒީ5 އާއި ނެޓްފްލިކްސް އަށް ދޫކޮށްލި ސްޕައި އެކްޝަން ތުރިލާ 'ތެހެރާން' އެވެ.