Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ހައްޖަށް ދާ މީހުން ވެކްސިން ފުރިހަމަ ކުރަން އެދިއްޖެ

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން ދާ މީހުން ވީހާ ވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، ވެކްސިން ޖެހުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. ނަމަވެސް އަދިވެސް 60 އެއްހާ މީހުން ވެކްސިން ފުރިހަމަ ނުކުރާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ވީއެންމެ އަވަހަކަށް ޙައްޖަށް ދާ ބޭފުޅުން ވެކްސިން ފުރިހަމަ ކުރެއްވުން. މި ވެކްސިންތައް ނުޖައްސަވާނަމަ ސަޢުދީއަށް އެތެރެ ނުވެވޭނެ." ޝަކީލް ވިދާޅުވި އެވެ.

ހައްޖަށް ދާ މީހުން ތިން ވެކްސިނެއް ފުރިހަމަ ކުރަމް ޖެހެ އެވެ. އެއީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިނާ އިންފްލުއެންޒާ ވެކްސިން އަދި އޯރަލް ޕޯލިއޯ ވެކްސިނެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. ހައްޖުވެރިން ފުރަން ތާވަލުކޮށްފައި އޮތީ ހަތަރު ދުވަސް މަތިންނެވެ.