މަގު ހެދުމަށް ބޭނުންވާ މެޝިނަރީތައް އައްޑޫ ސީޓީއަށް ގެންދެވުނުހާ އަވަހަކަށް ލިންކް ރޯޑު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ލިންކް ރޯޑުގެ ޕްރޮޖެކްޓަކީ އައްޑޫސިޓީގައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އެންމެ މުހިއްމު މަސައްކަތް ކަަމަށެވެ.
"މިހާރު އާރުޑީސީއާ އެ މަސައްކަތް ހަވާލުކޮށްފަ ވަނީ، އާރުޑީސީ އަށް މެޝިނަރީތަކާއި އެއްޗެހި ގެންނަންދިޔަ ވަގުތެއް މި ދިޔައީ، މިހާރު މެޝިނަރީތައް އައިސްފަ ހުރީ އެތަކެތި އައްޑުއަށް ގެންދެވުނުހާ އަވަހަކަށް މަސައްކަތް ފެށިގެންދާނެ،" މުއްތަލިބް ވިދާޅުވި އެވެ.
ލިންކް ރޯޑް މަޝްރޫއު އާރްޑީސީއާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ގަ އެވެ. އަދި އެ މަޝްރޫއު އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ އަވަށްތައް ކަމަށްވާ ފޭދު އާއި މަރަދޫފޭދު އާއި މަރަދޫ އަދި ހިތަދޫ ތެރެއިން އޮންނަ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ. މި މަގުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، މަގުގައި ވަޅުގަނޑުތައް ހެދި އަދި މަގުގެ އެކި ހިސާބުތައް އަޑިގުނޑަންވުމުގެ ސަބަބުން މަގު ބޭނުން ކުރަން ވަރަށް ބޮޑަށް ދަތިވެފައިވެ އެވެ.
އެހެންވެ އެ މަގު އަލުން ތަރައްގީ ކުރަން އާރްޑީސީއާ ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ. އެގޮތުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނެހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.