ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ސައްޔާރާ' އިން ވިދި ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ހިމަނައިގެން، އެ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމު ވެސް ހަދަން ނިންމިކަން މިއަދު އިއުލާންކޮށްފި އެވެ.
ލޯބީގެ އަސަރު ގަދަ ވާހަކައަކަށް ހަދަން ނިންމާފައިވާ މި ފިލްމު ވެސް ޕްރޮޑިއުސް ކުރަނީ 'ސައްޔާރާ' ވެސް ގެނެސްދިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ.
ނަމަވެސް އާ ފިލްމުގެ ނަން އިއުލާނެއް ނުކުރެ އެވެ. މީޑިއާތަކުން ބުނެފައި ވަނީ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮގަސްޓް ހިސާބުގައި ފަށާނެ ކަމަށެވެ.
މޯހިތުގެ އާ ފިލްމުގެ ބަތަލުގެ ރޯލަށް އަހާން ނެގި އިރު، އޭނަ މިހާރު ވެސް އަންނަނީ ވައިއާރްއެފްގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ މަހުގެ ފަހުކޮޅު ޝޫޓިން ފެށި އެ ރޮމޭންޓިކް އެކްޝަން ތުރިލާ އަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމެކެވެ.
ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ އެ ފިލްމުގެ ބަތަލާ އަކީ ޝަރްވާރީ އެވެ.
އަނީތުގެ ދެވަނަ ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ނިސްބަތްވާ 'ޝަކްތީ-ޝާލިނީ' އެވެ. އުންމީދީ ޒުވާން ބަތަލާ ޑަބަލް ރޯލަކުން ފެންނާނެ އެ ފިލްމުގެ ޝޫޓިން ފެބްރުއަރީ މަހުން ފެށިގެން ދަނީ ކުރިއަށެވެ.