ނަމާދުގެ އައްތަޙިއްޔާތަށް ފަހު ސަލާމް ދިނުމުގެ ކުރީގައިވާ ވަގުތުކޮޅަކީ ދުޢާ އިޖާބަކުރެވޭ ވަގުތުގެ ތެރެއިން ވަގުތެއް ކަމަށް ވާރިދުވެފައިވެ އެވެ.
އަޅުގަނޑުމެން އައްތަޙިއްޔާތުގައި އިބްރާހީމީ ޞަލަވާތަށް ފަހު، ދައްޖާލުގެ ފިތުނައިންނާއި ކަށްވަޅުގެ ޢަޛާބުން ސަލާމަތްކޮ ށްދިނުމަށް އެދި ކުރާ ދުޢާތައް ވަދެގެން ދާނީ މި ވަގުތުކޮޅަށެވެ.
ނަމަވެސް، އަޅުގަނޑު ބޭނުންވަނީ މި ދުޢާތަކުގެ އިތުރުން، މި ވަގުތުކޮޅުގައި ކުރެވިދާނެ މުހިއްމު ކުރު ދުޢާއެއް ބުނެދިނުމަށެވެ. އެ ދުޢާ އަކީ:
رَبَّنَا تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
“އަޅުގެ ވެރިރަސްކަލާކޮ! مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!”
މިއީ ޔޫސުފު عليه السلام ކުރެއްވި ދުޢާއެކެވެ. އެކަލޭގެފާނު ކުރެއްވި ދުޢާ ބަޔާން ކުރައްވާ ﷲ ސުބްޙާނަހޫ ވަތަޢާލާ ޔޫސުފު ސޫރަތުގައި ވަޙީކުރައްވާފައިވެ އެވެ.
رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾
މާނައީ: އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށް ދެއްވީމު އެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!
މުސްލިމެއް ގޮތުގައި މަރުވުމަކީ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. މުސްލިމެއްގެ ގޮތުގައި މަރުވެއްޖެ ނަމަ، މަރުވުމަށް ފަހު ދެން އޭނާ ކަޑައްތުކުރާނެ މަރުޙަލާތައް މާތް ﷲ ގެ އިރާދަފުޅާއެކު ފަސޭހަވެގެން ދާނެ އެވެ.
އެހެންކަމުން، ދުޢާ އިޖާބަ ކުރެއްވުން ގާތްކަން ބޮޑު ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައި ވެސް މި ދުޢާ ގިނައިން ކުރެވޭތޯ ބަލާށެވެ!
ނޯޓް: މިއީ ޝައިޚް ޝިރުޙާނު ޢަލީގެ ލިޔުއްވުމެކެވެ.