އައްޑޫގެ މޭޔަރާއި އިންތިހާބީ ސިޓީ ކައުންސިލަރުން ހުވާކުރައްވާ ރަސްމިއްޔާތު 1،000 މީހުންނާ އެކު ބާއްވަން ނިންމައިފި އެވެ.
އަންނަ މަހުގެ 17 ގައި ބާއްވާ ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެންބަރުން އިގުރާރުގައި ސޮއި ކުރުން ވެސް އޮންނާވެ އެވެ.
އެހެންވެ އެ ހާއްސަ ރަސްމިއްޔާތުގެ ރިފްރެޝްމަންޓް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން މިހާރު ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ބީލަމުގައި ރަޖިސްޓްރީވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި [email protected] މެއިލް އަށް ފޮނުވައިގެންނެވެ.
ސިޓީ ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އާ ދައުރުގެ މެންބަރުން އިންތިހާބުކޮށްފައި ވަނީ މި މަހުގެ 4 ގައި އެކީގައި ބޭއްވި ދެ އިންތިހާބުގަ އެވެ.