އައްޑޫ ލިންކް ރޯޑު ހަދަން ޖެހޭނީ ސަރުކާރުން ކަމަށާއި އެ މަގު މިހާރު އޮތީ މަރާމާތު ކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ލިންކް ރޯޑު ހަލާކުވެ، މިހާރު އޮތް ހާލަތާ ގުޅުވައި، އައްޑޫ ސިޓީ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަމާޒުކުރި ފާޑުކިޔުންތަކާ ގުޅިގެން ނިޒާރު ވިދާޅުވީ މި ސަރުކާރުން ލިންކް ރޯޑުގެ މަަސައްކަތް އާރްޑީސީއާ ހަވާލުކުރިތާ ދޮޅު އަހަރުވެގެން ދިޔައިރު ވެސް އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށާއި މިއީ މިނިސްޓަރު މުއްތަލިބު ބައްލަވަން ޖެހޭ ކަމެއް ކަމަށެވެ.
"އައްޑޫ ލިންކް ރޯޑަކީ މިހާރު ސަރުކާރުން ހަދަން ޖެހިފައިވާ ތަނެއް. އެތަނަކީ މަރާމާތު ކުރެވޭނެ ތަނެއް ނޫން. އައްޑޫ ލިންކް ރޯޑު ދެނެއް މަރާމާތެއް ނުކުރެވޭނެ،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫ ލިންކް ރޯޑު މަރާމާތު ކުރަން ކައުންސިލުން މިލިއަނުން ފައިސާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އެ މަގު އޮތީ މަރާމާތު ކުރެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ނިޒާރު ވަނީ އައްޑޫގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގެ ދަށުން ހިނގާ އެއްވެސް މަސައްކަތެއް ރަނގަޅަށް ކުރިއަށް ނުދާ ކަމަށާއި އެގޮތުން އައްޑޫ އެއާޕޯޓު ޕްރޮޖެކްޓުގެ ދަށުން ނިންމަމުންދާ އެއްވެސް އިމާރާތަކަށް ކަރަންޓެއް ނުދެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން އެގޮތަށް ދިމާވެފައިވަނީ ފައިސާ ހަމަނުޖެހިގެން ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރު މުއްތަލިބު ވަނީ މަގު ހެދުމަށް ބޭނުންވާ މެޝިނަރީތައް އައްޑޫއަށް ގެންދެވުނުހާ އަވަހަކަށް ލިންކް ރޯޑު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނުހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.