ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ޢައްޔަންކުރައްވައިފި އެވެ.
އެ މަގާމުގައި މީގެކުރިން ހުންނެވި ހީނާ ވަލީދު އިއްޔެ ވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފަ އެވެ.
މުންދު މީގެ ކުރިން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފަ އެވެ.
މީގެ އިތުރުން މުންދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން 2005 އިން 2007 އަށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަސަންކަމުގެ މަޤާމު 2007 އިން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
މުންދު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.