ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ޗައިނާ ސައުތު-އޭޝިއާ (ސީއެސްއޭ) އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޖޫން މަހުގެ 11-16 އަށް ބާއްވާ މި އެކްސްޕޯގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނުގައި ދައްކާލުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ތަކެތި ވިއްކުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ލިބިގެން ދާނެ އެވެ.
ސީއެސްއޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ ވިޔަފާރިތަކުން ބައިވެރިވާ އަދި ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރާ ބޮޑު އެކްސްޕޯއެކެވެ.
މި އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާ އުފެއްދުންތައް ތައާރަފުކުރުމަށް ބާއްވާ ޕްރޮޑަކްޓް ލޯންޗް ސެރެމަނީތަކާއި، ޕްރޮކިއުމަންޓް މެޗްމޭކިން ބައްދަލުވުންތަކުގެ އިތުރުން ފުޑް ކާނިވަލް ފަދަ ހަރަކާތްތައް ހިމެނެ އެވެ.
މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ތަފާތު އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓުގައި އިޝްތިހާރުކޮށް، މާކެޓް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. އެހެންވެ އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 28 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރާނީ މި [email protected] މެއިލް މެދުވެރިކޮށެވެ.
އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައި ދޭނީ، ރާއްޖެއަށް އެކްސްޕޯއިން ލިބޭ ބޫތުތަކުގެ އަދަދަށް ބަލައިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.