ފަލަސްޠީނުގެ އަސީރުންނަށް އިޒްރޭލުން މަރުގެ ހުކުމް އިއްވުމާ ދެކޮޅަށް ރާއްޖޭގައި މާދަމާ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މީގެ ކުރިން ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން ބާއްވާ މި އެއްވުމަކީ ފަލަސްޠީނުގެ އަސީރުންނާ މެދު ސަޙްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އަޑުއުފުލުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެ ޖަމިއްޔާ އިން ބުނީ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ޔަހޫދީ ދައުލަތުން ޤާނޫނަކުން ނިންމާފައިވާ އިރު އެއީ އެއްވެސް ދީނެއްގައި އަދި ތާރީޚުގައި ވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ބުންޏެވެ.
އެހެންވެ އެކަންކަން ވަގުތުން ވަގުތަށް ހުއްޓާލަން މާދަމާގެ އެއްވުމުގައި އަޑުއުފުލާނެ އެވެ.
އިސްރާ އިން ބުނީ މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެއްވުންތައް ބާއްވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މި އެއްވުން ބާއްވަނީ ފަލަސްޠީނުގެ އިލްމުވެރިންގެ ޖަމިއްޔާ އާއި ގްލޯބަލް ކޯލިޝަން ފޯ ޤުދުސް އެންޑް ޕަލަސްޓައިން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެނިހެން ބައެއް ޖަމުޢިއްޔާތަކާ ގުޅިގެންނެވެ.
މާދަމާގެ އެއްވުން ފަށާނީ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗްގަ އެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އަނިޔާވެރި ޔަހޫދީން ދަނީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ލައްކައަކާ ގާތަށް މީހުން ޝަހީދުކޮށްލާފައިވެ އެވެ.