Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޖަޕާނުން އެހީގެ ގޮތުގައި 10 ބިލިއަން ދެނީ

އިރާން ހަނގުރާމައާ ގުޅިގެން އޭޝިއާގެ ވަރަށް ގިނަ ގައުމުތަކަށް ތެލުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ އެހީވުމުގެ ގޮތުން ޖަޕާނުން ދެކުނު އިރުމަތީ އޭޝިއާގެ އަވައްޓެރި ގައުމުތަކަށް މާލީ އެހީ ފޯރުކޮށް ދޭން ނިންމައިފި އެވެ.

މިކަން އިއްޔެ އިއުލާން ކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ސަނައީ ޓަކައިޗީ ވިދާޅުވީ އެހީގެ ގޮތުގައި 10 ބިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ. މި އެހީގެ މައިގަނޑު ބޭނުމަކީ ތެލުގެ ދަތިކަމާއި އެ ނޫން ވެސް މުދަލުގެ ސަޕްްލައި ޗެއިނަށް ގައުމުތަކަށް ދިމާވެފައިވާ ދަތިތަކަށް ލުއެއް ހޯދައި ދިނުމެވެ.

މި އެހީ ދޭން ޖަޕާނުން ނިންމީ އޭޝިއާގެ ބައެއް ގައުމުތަކުގެ ލީޑަރުންނާ އެ ގައުމުގެ ސަރުކާރުން އޮންލައިންކޮށް މަޝްވަރާތަކެއް ވެސް ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި މެލޭޝިއާ، ބަންގްލަދޭޝް، ސިންގަޕޫރް، ތައިލޭންޑް، ފިލިޕީންސް، ވިއެޓްނާމް އަދި ދެކުނު ކޮރެއާ ހިމެނެ އެވެ.

ޖަޕާނުން ބުނީ ގައުމުތަކަށް ދޭން ނިންމި މާލީ އެހީ އަކީ ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ނިޕޯން އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް އިންޝުއަރެންސާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް (އައިޑީބީ) ގެ އެހީގައި ދޭން ނިންމާފައިވާ އެހީ ކަމަށެވެ.