Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އެކްސިޑެންޓްވި މީހެއްގެ ފަރުވާ އަށް އެހީއަށް އެދިއްޖެ

ދާދި ފަހުން އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މީހެއްގެ ފަރުވާ އަށް ބޭނުންވާ އެހީ ހޯދަން އާއިލާ އިން އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

އެހީ ހޯދަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހިތަދޫ ކޮކާ ހަނދުވަރުގޭ، ނިޒާން ނަޖުމީގެ ފަރުވާއަށެވެ. އެކްސިޑެންޓްގައި ސިކުނޑި އަށް ބޮޑެތި ގެއްލުން ލިބުނު ނިޒާން އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު، އިތުރު ފަރުވާ އަށް ވީހާ ވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

އެހެންވެ ފަރުވާ އަށް ބޭނުންވާ އެހީ ހޯދަން އާންމުންގެ އެހީ އަށް ނިޒާންގެ އާއިލާގެ ފަރާތުން އެދި ސޯޝަލް މީޑިއާގައި އާންމުކުރި ސިޓީއެއްގައި ބުނީ ފަރުވާ އަށް ރާއްޖެ އިން ބޭރުގައި ތިބެގެން ބޮޑު ހަރަދެއް ކުރަން ޖެހޭ އިރު، އެވަރުގެ ތަނަވަސް ކަމެއް އާއިލާގައި މި ވަގުތު ނެތް ކަމަށެވެ.

އެހެންވެ ދީލަތި ފަރާތްތަކުގެ އެހީ އަށް އާއިލާ އިން މި ވަގުތު އާދޭސްކުރާ ކަމަށް ބުންޏެވެ. އަދި އާންމުންގެ އެހީ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ނިޒާންގެ ބައްޕަ ހަސަން ނަޖުމީގެ ސިޓީގައިވެ އެވެ.

އެހެންވެ އެހީވާން ފައިސާ ޖަމާކުރާނެ ދެ އެކައުންޓް ނަމްބަރެއް ވެސް ހިއްސާކޮށްފައިވެ އެވެ. އެ ދެ އެކައުންޓް ނަމްބަރަކީ ބީއެމްއެލްގައި ނަޖުމީގެ ނަމުގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓް 7703450086101 އާއި ޑޮލަރު އެކައުންޓް 7730000483063 އެވެ.