Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ރައްޔިތުން ދަންނަނީ ދިވެހި ދައުލަތުގެ ސަރުކާރު

ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަ އެންމެ އާންމު އެއް މަންޒަރަކީ، އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުމެވެ. "ކުރީ ސަރުކާރު"، "އޭގެ ކުރީ ސަރުކާރު"، "މި ސަރުކާރު" ނުވަތަ "އަންނަން އޮތް ސަރުކާރު" ފަދަ ލަފުޒުތަކަކީ ސިޔާސީ މައިދާނުގައި އާންމު ލަފުޒުތަކަކަށް ވީ ނަމަވެސް، މިއީ ހަގީގަތުގައި ރައްޔިތުން ދަންނަ ނުވަތަ ރައްޔިތުންނަށް މުހިންމު ކަންކަމެއް ނޫނެވެ. ރައްޔިތުން ދަންނަނީ އަދި ރައްޔިތުން ބަލައިގަންނަނީ ވެސް ހަމައެކަނި "ދިވެހި ދައުލަތުގެ ސަރުކާރު" އެވެ.

ދައުލަތެއްގެ ސަރުކާރަކީ މެދުކެނޑުމެއް ނެތި ކުރިއަށްދާ މުއައްސަސާއެކެވެ. އެ ސަރުކާރު ހިންގުމުގެ ހުންގާނުގައި އެކި ދުވަސްވަރު ތިބޭނީ އެކި މީހުންނެވެ. ނަމަވެސް، ވެރިކަމަށް އަންނަ ބަދަލަކީ ދައުލަތުން ރައްޔިތުންނަށް އުފުލަންޖެހޭ ޒިންމާތަކުން ބަރީއަވެވޭނެ ސަބަބެއް ނޫނެވެ.

ކޮންމެ ދުވަސްވަރެއްގައި ވިޔަސް، ސަރުކާރަކުން ކޮށްފައިވާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކުން ރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ލިބޭ ގެއްލުމެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ދައުލަތުގެ ސަރުކާރުންނެވެ. މައްސަލައެއް ހައްލުކޮށް، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ އެ ވަގުތަކު ވެރިކަމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތްތަކުގެ މައްޗަށް އޮތް ލާޒިމު ވާޖިބެކެވެ.

އެއް އިރެއްގައި ސަރުކާރު ހިންގަން ތިބި ބަޔަކު ގޯހެއް ހަދާފައި އޮތުމަކީ، އޭގެ ފަހުން ވެރިކަމާ ހަވާލުވާ ބަޔަކަށް އެ ގޯސް ތަކުރާރުކުރުމަށް ލިބޭ ލައިސެންސް އެއް ނޫނެވެ. އަދި އެއީ ކުރީގެ ގޯސްތަކުގެ ފަހަތުގައި ފިލާ ތިބެ، ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުންނާއި ހައްގުތަކުން ރެކުމަށް ދެއްކޭނެ އުޒުރެއް ވެސް ނޫނެވެ.

އެއްވެސް ސަރުކާރަކުން ރައްޔިތެއްގެ ހައްގަކަށް އަރައިގަނެ، ނުވަތަ ހައްގުތަކެއް ނިގުޅައިގެންފައިވާނަމަ، އެކަމެއް އިސްލާހުކޮށް، އެ ހައްގުތައް އިއާދަކޮށް ދިނުމަކީ ދައުލަތުގެ ދެމިއޮތް ޒިންމާއެކެވެ. އެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެ ވަގުތަކު ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ކައިގެން، ސަރުކާރު ހިންގުމުގެ ގޮނޑިތަކުގައި ތިބޭ މީހުންނެވެ.

ދައުލަތެއް ހިންގުމުގެ ފަލްސަފާއަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމެވެ. މި ދެންނެވި ހަގީގަތް ގަބޫލު ނުކުރާ، ނުވަތަ ޒިންމާއިން ރެކުމަށްޓަކައި "ކުރީ ސަރުކާރުގެ" ބަހަނާ ދައްކާ އެއްވެސް މީހަކީ، ދައުލަތުގެ އެއްވެސް މަގާމަކަށް ކުފޫހަމަވާނޭ މީހެއް ނޫނެވެ. ސަބަބަކީ، ދައުލަތުގެ މަގާމަކާ ހަވާލުވުމަކީ ދައުލަތުގެ މާޒީ އާއި، ހާޒިރާއި އަދި މުސްތަގުބަލުގެ ހުރިހާ އިލްތިޒާމްތަކަކާ ހަވާލުވުން ކަމަށްވާތީއެވެ.

ރައްޔިތުން ބޭނުން ވަނީ ބަހަނާއެއް ނޫނެވެ. ރައްޔިތުން އެދެނީ އެމީހުންގެ ދައުލަތުން އެމީހުންނަށް ކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަވުމެވެ.