ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ވީރަން މޯލްޑިވްސް' އާ އެކު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކުންފުނިތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި މަދަނީ ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް 'ވީރަން މޯލްޑިވްސް' އިން އިންތިޒާމުކުރާ 'ކޯޕަރޭޓް ރަން' އަށް އެއްބާރުލުން ދިނުން ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
އެހެންވެ އިސްތިރާޖީ ބައިވެރިވުމުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ހަރަކާތް ރޭވުމާއި، އިންތިޒާމު ކުރުމާއި، އަދި އިޝްތިހާރުކޮށް ކުރިއެރުވުމުގައި ބީއެމްްއެލްގެ ބައިވެރިވުން އޮންނާނެ އެވެ.
'ވީރަން މޯލްޑިވްސް' ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ފުރަތަމަ ދުވުން މި އަހަރު ބާއްވާނެ އެވެ.
މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެކި ދާއިރާތަކުގެ ކުންފުނިތަކާއި މުއައްސަސާތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ރިލޭ ރޭހެކެވެ. އެގޮތުން ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭ އިރު، ކޮންމެ ބައިވެރިއަކުވެސް 1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރަން ޖެހޭނެ އެވެ. މިއީ ހަމައެކަނި ކުޅިވަރުގެ ވާދަވެރިކަމެއް ނޫން ކަމަށާއި، މިއީ މަސައްކަތުގެ މާހައުލުގައި ޓީމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ބޭންކުން ބުނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާއި، އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ އިސްތިރާޖީ ބައިވެރިވުންތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެމުންދާ މުއައްސަސާއެއްގެ ގޮތުގައި ބީއެމްއެލް ދެމިއޮންނާނެ ކަމަށެވެ. ޚާއްޞަކޮށް ޒުވާނުން ބާރުވެރި ކުރުވުމާއި، މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުމަށް ބޭންކުން މެދުކެނޑުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަން ބީއެމްއެލް އިން ފާހަގަކޮށްފައިވެ އެވެ.