Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

މިނިސްޓްރީ އުވާލުމަކުން ކައުންސިލްތަކަށް ހުސްކަމެއް ނާންނާނެ

އަތޮޅު ކައުންސިލުތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަކުން ކައުންސިލްތަކާ ގުޅޭ މަސައްކަތަށް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ، އެ ޤާނޫނުގެ ދަށުން އެ އޮތޯރިޓީގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

އަދި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލުތައް އުވާލައި، އެ ކައުންސިލުތަކުން ފޯރުކޮށް ދެމުން ދިޔަ އެންމެހާ ޚިދުމަތްތައް ދިނުމުގެ ޤާނޫނީ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައި ވަނީ އެ އިދާރާއަށްކަން ވެސް ފާހަގަކޮށްފައުވެ އެވެ.

އެހެންވެ އަތޮޅު ކައުންސިލުތަކުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް ވެސް އެ އޮތޯރިޓީގެ ދަށަށް ބަދަލުވާނެ ކަމަށާއި އަތޮޅު ކައުންސިލުތައް އުވާލުމަށް ފަހު، އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތައް ޤާއިމުކުރުމުގެ އިޚްތިޔާރު ވެސް އެ އިސްލާހުގެ ދަށުން ލިބިދީފައިވާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

އެތަމުން ބުނީ ކަންކަން އެހެން ހުރުމާ އެކު އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން އަދާކުރަމުން ދިޔަ ޤާނޫނީ މަސްޢޫލިއްޔަތު އެލްޖީއޭ އަށް ބަދަލުވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވުމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ޤާނޫނުއަސާސީގައި އަދި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް މި އޮތޯރިޓީން ނުދެކޭ ކަމަށެވެ.