Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އުފައްދަވައިފިއެވެ.

އެ އޮފީހަކީ، ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެކެވެ. އެ އޮފީސް ގާއިމުކުރައްވަން ނިންމެވިކަން ރައީސް އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މިދިޔަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

އެ އިދާރާގެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.