އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް އެޖެންސީ، ބީބީސީން 2،000 އެއްހާ މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މީޑިއާ އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ބީބީސީން ގިނަ އަދަދެއްގެ މުވައްޒަފުން މަދުކުރަން ނިންމީ ހަރަދު ވެސް ކުޑަކުރުމުގެ ގޮތުން ހިންގުމަށް ގެންނަ ސްޓްރަކަލް ބަދަލުތަކަކާ ގުޅިގެން ކަމަށް އެތަނުން ބުންޏެވެ. އެގޮތުން 2،000 އެއްހާ މުވައްޒަފުން މަދުކުރުމުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 500 މިލިއަން ޕައުންޑް ސަލާމަތް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ބީބީސީން އެންމެ ފަހުން މިހާ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ދޫކޮށްލީ މީގެ 15 އަހަރު ކުރިންނެވެ.
މި ފަހަރު މުވައްޒަފުން މަދުކުރުމާ ގުޅޭ ގޮތުން ބީބީސީގެ ވަގުތީ ޑިރެކްޓަ ޖެނެރަލް ރޯދުރީ ޓަލްފާން ޑޭވީސް ވިދާޅުވީ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އެކަމަކު ހަރަދުތައް ކުޑަކުރުމަށްޓަކައި މިފަދަ އުނދަގޫ އަދި ބޮޑެތި ނިންމުންތައް ނިންމަން މަޖުބޫރު ކަމަށް ވިދާޅުވި އެވެ.

މުވައްޒަފުން މަދުކުރަން ނިންމި ނަމަވެސް މިކަން ކުރިއަށް ގެންދާނެ ގޮތުގެ އެއްވެސް ތަފުސީލެއް ބީބީސީން އަދި މުވައްޒަފުންނާ ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު 2،000 އެއްހާ މުވައްޒަފުން ދޫކޮށްލަން ނިންމުމަކީ އެ އެޖެންސީގެ ކޮންމެ ޑިޕާޓްްމަންޓެއްގެ 10 މުވައްޒަފުންގެ ތެރެއިން އެކެއްގެ ވަޒީފާ ގެއްލުމެވެ.
"މިކަމާ ގުޅޭ އިތުރު މައުލޫމާތު އަހަރެމެން މި އަހަރުގެ ފަހުކޮޅު މުވައްޒަފުންނާ ހިއްސާ ކުރާނަން." ޑޭވީސް ވިދާޅުވި އެވެ.
ބީބީސީގައި މިހާރު ފުލްޓައިމްކޮށް މަސައްކަތްކުރާ މުވައްޒަަފުންގެ އަދަދު 21،500 އަށް ވުރެ ގިނަ އެވެ.