Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ، ސަމާލުވޭ

ޑެންގީ ފަތުރާ އީޑީސް މަދިރިއެއް

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގޫ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް އެޕްރީލް އަދި ޖުލައި މަހު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

ޑެންގޫ ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން ދަނީ ކަމާގުޅުންހުރި އެކި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން ކަމަށާއި އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ޑެންގީ ކޮންޓްރޯލް ކުރުމުގައި އާންމު ފަރުދުންގެ ޒިންމާ ބޮޑުކަން ފާހަގަކުރަމުން، މަދުވެގެން ހަފްތާއަކު އެއްފަހަރު ގޭތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފާސްކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. މީގެ އިތުރުން، ރިސޯޓްތަކާއި، ކޮންސްޓްރަކްޝަން ސައިޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށުގައިވެސް ހަފްތާއަކު އެއްފަހަރު މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލްތަކުން ޑެންގޫ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސްތައް އެކުލަވާލައި، ރަށް ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ސްކޫލްތަކުންވެސް ކޮންމެ ހަފްތާއަކު ސްކޫލް ގޯތިތެރެ ބަލައި ފާސްކޮށް، ދަރިވަރުން މި ބައްޔަށް ހޭލުންތެރިކުރުމަށް ވަނީ އިރުޝާދު ދީފައެވެ. ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް މި މަސައްކަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމަށް ވަނީ އަންގާފައެވެ. އަދި ރަށްރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރުކޮށް، އެޗް.ޕީ.އޭ އަށް ގަވާއިދުން ރިޕޯޓް ކުރުމަށްވެސް ވަނީ އަންގާފައެވެ.

މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ މިވަގުތު ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.