Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައްޑޫން ސީދާ މައްކާ އަށް ދިއުމުގެ ފުރުސަތެއް

ސީދާ އައްޑޫން ސައުދީ އަރަބިއްޔާ އަށް ދަތުރުކޮށް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށް ދޭން ތައްޔާރުވެއްޖެ އެވެ.

މި ފުރުސަތު މުޅިން އަލަށް ފަހިކޮށް ދެނީ އުމްރާ އަށް މީހުން ގެންދާ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ދަ ޓްރެވެލާއިންނެވެ. އެގޮތުން އައްޑޫ ގަން އެއާޕޯޓުން ޖިއްދާ އަށް ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންއާ ގުޅިގެންނެވެ.

އެގޮތުން ގަމުން ޖިއްދާ އަށް ބާއްވާ ފުރަތަމަ ދަތުރު މި މަހުގެ 30 ގައި ބާއްވަން ނިންމާފައިވާ އިރު، މި ފަށާ ތާރީހީ ދަތުރުތަކަށް ވަރަށް އަވަހަށް ބުކިންސް އަށް ހުޅުވައިލާނެ ކަމަށް ދަ ޓްރެވެލާ އިން ބުންޏެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 9476612 އިން ހޯދޭނެ އެވެ.

މޯލްޑިވިއަނުން ވައިޑް ބޮޑީ ބޯޓެއް ގެނައި ފަހުން މީހުން ހައްޖާއި އުމްރާ އަށް ގެންދިއުމުގެ މަސައްކަތް އެ އެއާލައިނުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ހައްޖަށްދާ މީހުން ސައުދީ ގެންދަން ބާއްވާ ހަތަރު ދަތުރުގެ ތެރެއިން ދެ ދަތުރެއް ކުރަން ނިންމާފައި ވަނީ މޯލްޑިވިއަންގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

އައްޑޫ ގަމުން މައްކާ އަށް ސީދާ ދަތުރު ކުރެވޭނެ ފުރުސަތު ފަހިކޮށްދޭ އިރު، ގަމުން ބޭރަށް ޝެޑިއުލް ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސް އެވެ.