Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 80 އެޕްލިކޭޝަން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ބައިވެރިވުމަށް މިހާތަނަށް 80 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބީސީސީގެ ޗީފް ސްޓްރެޓިޖިކް އޮފިސަރ މަރިޔަމް ނަޝާ ވިދާޅުވީ މިދިޔަ އަހަރުގެ މައުރަޒުގައި 250 ފަރާތަކުން 2500އަށްވުރެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މައުރަޒަށްވެސް ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މިހާތަނަށް 80 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ މައުރަޒުގައިވެސް ސަރުކާރުގެ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމުދޭ އިދާރާތަކަށްވެސް ބައިވެރި ވެވޭނެ އެވެ. އަދި މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެ އެވެ.