ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު 'ލަވް އެންޑް ވޯ' އަންނަ އަހަރަށް ފަސްކުރިކަން ކަށަވަރުކޮށްދީ، ފިލްމު ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
ކާސްޓްގައި ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް ހިމެނޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ އަންނަ އަހަރުގެ ޖެނުއަރީ 21 ގަ އެވެ.
'ލަވް އެންޑް ވޯ' އަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ގޮތަށް ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ފިލްމު ލަސްކުރަން ޖެހުނީ ޝޫޓިން ވަރަށް ބޮޑަށް ދިގުލައިގެން ދިއުމާ ގުޅިގެންނެވެ.
'ލަވް އެންޑް ވޯ' ގެ ޝޫޓިން އަދިވެސް އެއްކޮށް ނިމިފައި ނުވާ އިރު، ބަންސާލީ ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނަގެ ކުރީގެ ފިލްމުތަކާ ވަރަށް ތަފާތު ސްޓައިލެއްގެ ފިލްމެކެވެ. އެހެންވެ މިއީ ފަސޭހަ ފިލްމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
'ލަވް އެންޑް ވޯ' އަކީ އާލިިއާއާ އެކު ބަންސާލީ ހަދާ ދެވަނަ ފިލްމެވެ. ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ އާލިއާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު 2022 ގެ 'ގަންގޫބާއީ ކަތިއަވާޅީ' އެވެ. 'ލަވް އެންޑް ވޯ' އަކީ ރަންބީރް ބޮލީވުޑަށް ނެރެން ބަންސާލީ 2007 ގައި ގެނެސްދިން 'ސާވަރިއާ' އަށް ފަހު، އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ އިތުރުން ނެޝަނަލް އެވޯޑް ހާސިލުކޮށްފައުވާ ވިކީއާ އެކު ބަންސާލީ މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ.
އިންޑިއާގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާ،ލީ އަކީ ވަރަށް ރީތި، އެހާމެ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި 1999 ގެ 'ހަމް ދިލް ދޭ ޗުކޭ ސަނަމް'، 2002 ގެ 'ދޭވްދާސް'، 2013 ގެ 'ރާމް-ލީލާ'، 2015 ގެ 2018 ގެ'ބަޖިރާއޯ މަސްތާނީ' އަދި 'ޕަދުމާވަތު' ހިމެނެ އެވެ.