Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސީވީއެފްގެ އެސްޖީގެ ދައުރު ނަޝީދު ފުރިހަމަކޮށްފި

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރިހަމަ ކުރައްވައިފި އެވެ.

އެ މަނިފާނު އެ މަގާމަށް ހަމަޖެއްސީ ޑިސެމްބަރު 1، 2023 ގަ އެވެ. އަދި ޖެނުއަރީ 1، 2024 ގައި އެސްޖީގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ރާއްޖޭގެ ސިޔާސީ ކަންކަމާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ފަހު އެވެ. ސީވީއެފްގެ ސީވީއެފްގެ އެސްޖީގެ މަގާމަށް ފާއިތުވި މުއްދަތުގައި ނަޝީދު އުޅުއްވީ ގާނާގަ އެވެ.

ނަމަވެސް ދޭތެރެ ދޭތެރެ އިން ރާއްޖެ ވަޑައިގަނެ އެވެ. މި މަހުގެ ކުރީކޮޅު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ދަތުރުތަކުގައި ނަޝީދު ވަރަށް ބޮޑަށް އުޅުއްވި އެވެ.

ނަޝީދު އެސްޖީގެ މަގާމު ފުރުއްވި ސީވީއެފް އަކީ 2009 އެ މަނިކުފާނާއި ރާއްޖެ އިސްވެ އޮވެ އުފެއްދި ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ނުވަ ގައުމަކާއެކު ރާއްޖޭގައި ފެށި މި ޖަމިއްޔާގައި މިހާރު އޭޝިއާ، އެފްރިކާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ 68 ގައުމު ހިމެނެއެވެ.

ސީވީއެފްގެ އެސްޖީގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، ނަޝީދު މިއަދު މެންދުރު ފަހު ވަނީ ރާއްޖެ ވެސް ވަޑައިގެންފަ އެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމުގެ ކުރިން، ނުރަސްމީ އެކްސް އެކައުންޓްގައި ވަނީ "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވުމަށް ގޮވާލައްވައިފަ އެވެ.