އިޢުތިކާފަކީ ކޮބައި ހެއްޔެވެ؟ އަދި އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟
އިއުތިކާފަކީ، އިޢުތިކާފު ކުރުމުގެ ނިޔަތުގައި މިސްކިތުގައި މަޑުކޮށްގެން ހުރުމެވެ. މިކަން ފުރިހަމަވާނީ، އެކަމަށް ކިޔޭ ފަދަ ވަގުތުކޮޅަކަށް މިސްކިތުގައި މަޑުކުރުމުންނެވެ. އަދި މިސްކިތަށް ވަންނަ ކޮންމެ މީހަކުވެސް، އެތަނުގައި ހުންނަހާ ހިނދަކު އިޢުތިކާފުގެ ނިޔަތް ގަތުމަކީ ސުންނަތެކެވެ.
ރަމަޟާން މަހު އިޢުތިކާފު ކުރުމުގެ ހުކުމަކީ ކޮބައި ހެއްޔެވެ؟
ރަމަޟާން މަހު އިޢުތިކާފު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ލައިލަތުލް ގަދުރިވިލޭރޭގެ ދަރުމައާއި ސަވާބު ހޯދުމުގެ އުންމީދުގައި، ރަމަޟާން މަހުގެ ފަހު 10 ގައި އިޢުތިކާފަށް އިށީނުމުގެ ސުންނަތްކަން މާ ބޮޑެވެ.
އިޢުތިކާފު ކުރުމަށް މިސްކިތެއްގައި އިނުން ޝަރުތުވޭ ހެއްޔެވެ؟
އިއުތިކާފު ޞައްޙަވުމުގެ ޝަރުތުތަކުގެ ތެރޭގައި އެކަން މިސްކިތެއްގައި ކުރުން ހިމެނެއެވެ. އެހެންކަމުން، ގޭގައާއި އެނޫންވެސް ތަންތަނުގައި އިޢުތިކާފަށް އިށީނުމަކީ ސައްހަވާނޭ ކަމެއް ނޫނެވެ.
އަންހެނުންނަށް އެކަނބަލުންގެ ގޭގައި އިޢުތިކާފަށް އިށީނދެވިދާނެ ހެއްޔެވެ؟
އަންހެނުން އެކަނބަލުންގެ ގޭގައި އިޢުތިކާފަށް އިށީނުމަކީ ސައްހަ ކަމެއް ނޫނެވެ. އެއީ ގެއަކީ މިސްކިތަކަށް ނުވާތީ އެވެ.
އިޢުތިކާފަށް އިންނަ މިސްކިތަކީ ހުކުރު ކުރާ މިސްކިތަކަށް ވުން ޝަރުތުވޭ ހެއްޔެވެ؟
އިޢުތިކާފަށް އިންނަ މިސްކިތަކީ ހުކުރު ކުރާ މިސްކިތަކަށް ވުން ލާޒިމެއް ނޫނެވެ. ނަމަވެސް، ހުކުރު ދުވަހެއް ހިމެނޭ ގޮތަށް މެދުނުކެނޑި އިޢުތިކާފު ކުރުމަށް ނަދުރު ބުނެފައިވާ ނަމަ، ހުކުރު ކުރާ މިސްކިތެއްގައި އިއުތިކާފަށް އިށީނުން ޝަރުތުވެގެންވެ އެވެ. އެއީ ހުކުރު ނަމާދަށް ދިއުމަށްޓަކައި މިސްކިތުން ބޭރަށް ނުކުމެ، އިއުތިކާފުގެ މެދުނުކެނޑުމަށް ބުރޫ ނޭރުވުމަށްޓަކަ އެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.