ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލާލުމުން ރައްޔިތުންގެ އިތުބާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަވެގެންދާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަދައްކަމުން މުންދު ވިދާޅުވީ އިންތިހާބުން ލިބުނު ނަތީޖާއިން ރައްޔިތުންގެ އިތުބާރު ރައީސް މުއިއްޒާއި ސަރުކާރަށް އޮތްކަން ހާމަވެގެންދާ ކަމަށާއި އިންތިހާބުގައި ޖުމްލަ ވޯޓުދިން ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ވޯޓު ދިނީ ރައީސް މުއިއްޒަށް ކަމަށެވެ.
"ރައްޔިތުންގެ އިތުބާރު ރައީސުލްޖުމްހޫރިއްޔާއަށާއި މި ސަރުކާރަށް އޮތްކަން ހާމަވަނީ އިންތިހާބުން ލިބުނު ނަތީޖާއިން،" މުންދު ވިދާޅުވި އެވެ.
އަދި އިންތިގާލީ ސަރުކާރެއް އުފައްދަން އިދިކޮޅު އެމްޑީޕީގެ ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު އެކަމަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ އިންތިގާލީ ސަރުކާރެއް ގެންނަން ޖެހެނީ އިދިކޮޅު ފަރާތްތަކުގެ ފައިދާއަށް ކަމެއް އޮވެގެން ބުނުމުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ އިތުބާރާއި ގުޅުން ހުރި ކަމެއް ކަމަށެވެ.
"ސަރުކާރެއް އަންނަނީ ރައްޔިތުން ހޮވައިގެންނޭ. ސިޔާސީ ލީޑަރުން ހޮވައިގެނެއް ނޫނޭ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މިހާރު އެންމެ ރަނގަޅު ވާނީ އެމްޑީޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެންޑިޑޭޓެއް ދެއްކުން ކަމަށެވެ. ނަމަވެސް އެ ޕާޓީގެ އެތެރޭގެ ހާލަތު އަދި އޮތީ އެފަދަ ކަމަކަށް ފައްކާކޮށް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެންމެފަހުން އޮތީ ވެސް އެމްޑީޕީގެ ވެރިކަމެއް ކަމަށްވާއިރު، ރައްޔިތުން އެ ވެރިކަން ބަދަލުކުރީ ކަމުނުގޮސްގެން ކަމަށްވެސް މުންދު ވިދާޅުވި އެވެ.