Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސިޔާސީ މަގާމުތަކަކީ ހަދިޔާއެއް ނޫން، ނަތީޖާ ނެރެންޖެހޭނެ

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު މުހައްމަދު ހުސައިން ޝަރީފް (މުންދު) - ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މަގާމުތަކަކީ ހަދިޔާއެއް ނޫން ކަމަށާއި އެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ނަތީޖާ ނެރެންޖެހޭނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން މުންދު ވިދާޅުވީ ސިޔާސީ ވަޒީފާ ލިބެނީ ވަކި ޕާޓީއެއް، ވަކި ފިކުރެއްގައި ކުރާ މަސައްކަތެއްގެ ތެރެއިން ނުވަތަ އެ އޮންނަ ވަފާތެރިކަމެއްގެ ތެރެއިން ކަމަށާއި ސިޔާސީ މީހުންގެ ބޭނުމަކީ ވަފާތެރިކަމާއެކުގައި އެ އިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަންގަވާ އެންގެވުމާ އެއްގޮތަށް މަސައްކަތްކުރުން ކަމަށެވެ.

"އެ އިތުބާރާއި ޔަގީންކަން އޮތް ބަޔަކު ތިބުން މުހިންމުވަނީ. އެކަމަކު އަޅުގަނޑު ވެސް ހިމެނޭގޮތަށް، އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން އެއީކީ. އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ އަޅުގަނޑަށް ފަސް އަހަރު ދުވަހަށް ފީސަބީލިއްލާހިއަށް ލިބިފައި އޮންނަ ހަދިޔާއެކޭ،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެސް މުސާރަ ލިބެނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެހެންކަމުން އެއީ ރައްޔިތުންގެ ފައިސާއަށްވުމުން އެމީހެއްގެ ޕާފޯމަންސް ދައްކަން ޖެހޭނެ ކަމަށެވެ.

"އެހެންވީމަ ވާނީ ރައްޔިތުންގެ ހާދިމަކަށް. އެހެންވީމަ އަޅުގަނޑުގެ ޕަފޯމެންސް އަޅުގަނޑު ދައްކަން ޖެހޭނެ. އަޅުގަނޑަށް ޕަފޯމެންސް ނުދެއްކޭނަމަ، އަޅުގަނޑު ނިކުމެގެން ދާންޖެހޭ ހާލަތެއް އަންނައިރު ޝަކުވާއެއް ކޮށްގެން ނުވާނެ،" މުންދު ވިދާޅުވި އެވެ.

މީގެއިތުރުން މުންދު ވަނީ މިހާރު ކުރިއަށްދަނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަރުހަލާއެއް ކަމަށާއި މި މަރުހަލާ ނިމޭއިރު މަގާމުތަކުގައި ތިބޭނެ އެންމެ އެކަށޭނެ އަދި ސަރުކާރުގެ ދުވެލި ވެސް ބާރުވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.