Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އިދިކޮޅުން އުފާފާޅުކުރަން ފެށީ މާކުރިން، މޮޅުވީ ޕީއެންސީ

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް

ލޯކަލް ކައުންސިލް އިންތިހާބުން ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އުފާފާޅުކުރަން ފެށީ މާކުރިން ކަމަށާއި ނަމަވެސް އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމާއެކު އިންތިހާބުން ކާމިޔާބު ލިބުނީ ޕީއެންސީއަށް ކަމަށް ސާފުވެގެން ގޮސްފައިވާ ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ ރެފްރީ ކަށިގަނޑު ފުމެލުމުގެ ކުރިން، ބައެއް ފަހަރު ކުޅުންތެރިން އުފާފާޅުކުރަން ތިއްބާ، މެޗުން މޮޅުވެގެން ފައިބަނީ އަނެއް ޓީމު ކަމަށާއި މިފަހަރު މިވީ އެކަހަލަ ގޮތެއް ކަމަށެވެ.

"އެއްބަޔަކު މާކުރިން އުފާފާޅުކުރަން ތިއްބާ، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާއާ އެކު، މެޗު ނިންމާލާ ކަށިގަނޑު ފުމެލިއިރު، 581 ގޮނޑިއާއިއެކު، އިންތިހާބު ކާމިޔާބު މިކުރީ ޕީއެންސީންނެވެ. އެއީ އަޅުގަނޑު ނޫނީ ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. އެއީ ރަސްމީ ނަތީޖާއެވެ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވަނީ ގަބޫލުކުރަން ބޭނުންވިޔަސް އަދި ނުވިޔަސް މި ހަގީގަތް އަދި ނަތީޖާ ބަދަލެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ޕީއެންސީން އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި މަސައްކަތްކުރީ މިއަށްވުރެ ވެސް ރަނގަޅު ނަތީޖާއަކަށް ކަމަށް ވިދާޅުވި އެވެ.

ޕީއެންސީއަށް ލޯކަލް ކައުންސިލް ކާމިޔާބުވިޔަސް، ބަދަލުތަކެއް ގެންނަނީ އެ ސަބަބާއި ހުރެ ކަމަށާއި މިއީ 2028 އަށް ޓީމުތައް ރުކުރުވާލާ، މި ނަތީޖާގެ އަލީގައި މަސައްކަތް ފަށައިގަންނަން އަޅުއްވާ ފިޔަވަޅުތަކެއް ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.