Last Updated: June 4, 23:58
Thursday, June 4, 2026
މުނިފޫހިފިލުވުން

ކާތިކަށް އަލަށް އަންހެން ޑައިރެކްޓަރެއްގެ ފިލްމެއް

ބޮލީވުޑްގެ ތަރި، ކާތިކް އާރިއަން އަށް އަލަށް އަންހެން ޑައިރެކްޓަރަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެއީ ޑައިރެކްޓަރު ރީމާ ކަގްތީގެ ފިލްމެއް ކަމަށެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ނަމަހް ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ފިލްމު ކާތިކަށް ހުށަހަޅައި މަޝްވަރާތައް ދަނީ ކުރިއަށެވެ. އެކަމަކު ކާތިކް އަދި އެ ފިލްމަށް ރަސްމީކޮށް ސޮއިނުކުރި ނަމަވެސް އެއަށް އޭނަ އެއްބަސްވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ނޫހުން ބުންޏެވެ.

ރީމާ އަކީ ބޮލީވުޑްގައި މިހާރު ތިބި އަންހެން ޑައިރެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. އޭނަ މިހާތަނަށް ގެނެސްދިން ހުރިހާ ފިލްމުތަކެއް ވެސް ޕްރޮޑިއުސްކޮށްފައި ވަނީ ފަރުހާން އަޚްތަރުގެ އެކްސަލް އެންޓަޓައިންމަންޓުންނެވެ. ރީމާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ސުޕަބޯއިސް އޮފް މަލެގާއޯ އެވެ.

އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ބޮޑު ކާސްޓަކާ އެކު ގެނެސްދިން 2007 ގެ "ހަނީމޫން ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑް" އާއި އާމިރު ޚާނާއި ރާނީ މުކަރްޖީގެ އިތުރުން ކަރީނާ ކަޕޫރްގެ 2012 ގެ "ތަލާޝް" ގެ އިތުރުން އަކްޝޭ ކުމާރުގެ 2018 ގެ "ގޯލްޑް" ހިމެނެ އެވެ.

ރީމާ، 53، އަކީ ޑައިރެކްޓަރެއްގެ އިތުރުން ސްކްރީން ރައިޓަރެއް ވެސް މެ އެވެ.

އޭނަގެ އާ ފިލްމަށް ކާތިކް، 35، ގެންނަން މަސައްކަތް ކުރަމުން އަންނަ އިރު، ކާމިޔާބު އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނާގްޒިއްލާ" އާއި ޑައިރެކްޓަރު ޝިމިތު އަމީންގެ "ކެޕްޓަން އިންޑިއާ" އާއި ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމަކާއި ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެއްގެ އިތުރުން ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއް ހިމެނެ އެވެ.