Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ނަތީޖާ އެއްވަރުވި ދާއިރާތަކުގެ ވޯޓްލުން ކުރިއަށް

މި މަހުގެ 4 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ނަތީޖާ އެއްވަރުވެގެން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން ޖެހިފައިވާ ފަސް ގޮނޑީގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ދެވަނަ ބުރަކަށް ވޯޓް ލަނީ ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި އަދި އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑިއަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި (ޕީއެންސީ ކެންޑިޑޭޓު އައިޝަތު މުނާ އާއި އެމްޑީޕީ ކެންޑިޑޭޓު އާމިނަތު ރަފާހް، 113 ވޯޓު) އާއި ފުވަމުއްލަކު ދަނޑިމަގު ދާއިރާ (ޕީއެންސީ ކެންޑިޑޭޓު އައިޝަތު އަބްދުލް ގާދިރު އާއި އަމިއްލަ ކެންޑިޑޭޓު ޝިޒާ އިބްރާހިމް، 484 ވޯޓު) އާއި ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް (އެމްޑީޕީ ކެންޑިޑޭޓު މަހުދިއްޔާ އާދަމް އާއި ޕީއެންސީ ކެންޑިޑޭޓު ހައްވާ ފަޒްނާ، 587 ވޯޓު) އާއި ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު (ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ރިއުޒާ އާއި އަމިއްލަ ކެންޑިޑޭޓު ފާތިމަތު ނިޝާދާ، 300 ވޯޓު) އަދި ލ. މާވަށް އަންހެނުންގެ ކޮމިޓީގެ މެންބަރު (ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ޝަފިއްޔާ އާއި އެމްޑީޕީ ކެންޑިޑޭޓު މަރިޔަމް މާއިޝާ، 564 ވޯޓު) އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އެ ދާއިރާތަކުގެ ދެވަނަ ބުރުގެ ބޯޓްލުން ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހަވީރު 4:00 އާ ހަމައަށެވެ.

ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ގޮނޑި ނިސްބަތްވާ ރަށުގެ އިތުރުން މާލޭގަ އެވެ. އެގޮތުން ޖުމްލަ 14 ވޯޓުފޮށި ބަހައްޓާފައިވެ އެވެ.

މިއަދު ވޯޓްލާ 5 ދާއިރާ ވޯޓްލުމުގެ ހައްގު 6،093 މީހުންނަށް ލިބިގެންވެ އެވެ.