ކޮންމެ ގައުމެއްގައިވެސް ސަރުކާރެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމާ އެކު، ގައުމަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުން ސަލާމަތްވުމަށް މަގުދައްކައިދިނުމެވެ. ނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ހާލަތަށް ނަޒަރު ހިންގާލާއިރު، ސަރުކާރުގެ ހިންގުންތެރިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ވަކިން ހާއްސަކޮށް، ދުނިޔޭގެ މަސްރަހު ނުތަނަވަސްވެ، މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން ހަނުތިއްބެވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.
އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ނޭދެވޭ އަސަރު، ރާއްޖެ ފަދަ ނާޒުކު ގައުމަކަށް ވަރަށް ބޮޑަށް ކުރާނެކަމީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ. މިފަދަ ހާލަތެއްގައި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި، ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހާމަކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ރައްޔިތުން ތިބީ ސަރުކާރުގެ އިރުޝާދުތަކަށް އިންތިޒާރުކޮށްގެންނެވެ. ނަމަވެސް، މިހާތަނަށް މިކަމާ ގުޅޭ އެއްވެސް ތަފްސީލީ މައުލޫމާތެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތަކާއި، ކާޑާއި ތެލުގެ ރިޒާވް ހުރި މިންވަރާ މެދު ރައްޔިތުން ސުވާލު އުފައްދައެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރަށާއި މުދާ އެތެރެކުރުމަށް ކުރިމަތިވެދާނެ ހުރަސްތަކަކީ ކޮބައިތޯއާއި، އެކަންކަމަށް އޮތް ހައްލަކީ ކޮބައިތޯ ބަލަން ރައްޔިތުން ބޭނުންވެއެވެ. ނަމަވެސް، މިފަދަ އެންމެހާ ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވުމަކީ ހިތާމަހުރި ކަމެކެވެ.
ޚާރިޖީ ދާއިރާއަށް ބަލާއިރު، ރާއްޖެ މިއަދު އޮތީ ބައިނަލްއަގުވާމީ މުޖުތަމައުގައި އެކަހެރިވެފައިވާ ފަދަ ހާލަތެއްގަ އެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ހުރި ގޮތުން، އެހެން ބައެއް ގައުމުތަކާ އޮންނަ ގުޅުންތަކަށް ވަނީ ބުރޫއަރައިފަ އެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ، ދާދި ފަހުން ބޭރު ގައުމަކުން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިކަން ދިވެހި ރައްޔިތުންނަށް އެނގުނީ ބައިނަލްއަގުވާމީ މީޑިއާތަކުން ކަމަށް ވުމެވެ. ގައުމީ ފެންވަރުގެ މިފަދަ މުހިންމު ނިންމުންތަކާއި ހާދިސާތައް ރައްޔިތުންނަށް ސާފުކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައި އޮތުމަކީ ޒިންމާދާރުކަން ކުޑަވުމުގެ ހެކިބަހެކެވެ.
ރާއްޖެ ފަދަ އިގްތިސާދީ ގޮތުން ނާޒުކު ގައުމެއްގައި، މިފަދަ ދަތި ދަނޑިވަޅުތަކުގައި ސަރުކާރުން ދައްކަން ޖެހޭނީ ހަރުދަނާ ސިޔާސަތުތަކާއި ހާމަކަން ބޮޑު ހިންގުމެކެވެ. ރައްޔިތުންގެ އިތުބާރު ހޯދޭނީ ކަންކަން ހިނގަމުންދާ ގޮތް ތެދުވެރިކަމާއެކު ހާމަކޮށްގެންނެވެ. އެހެންކަމުން، ސަރުކާރުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވަގުތުން ވަގުތަށް ޖަވާބުދާރީވުމަކީ މިއަދު މަޖުބޫރު ކަމެކެވެ.