މެދުއިރުމަތީގައި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހައި މައްޗަށް ދިޔައިރު ވެސް ދިވެހި މަސްވެރިންނަށް އެ ބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށް ވެސް ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މެނޭޖު ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ތެލުގެ ދަތިކަމާ ހެދި މަސްވެރިކަމުގައި ދިރުމެއް ނެޔް ކަމަށް މީޑިއާއަކުން މިއަދު ގެނެސްދިން އާޓިކަލަކާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާގައި ވިދާޅުވީ އެއީ މިއީ ރަނގަޅު ޚަބަރެއް ނޫން. ކަމަށެވެ.
"މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަޤީންކުރާ އެއް ކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރު ކުރުން،" ޝިޔާމު ވިދާޅުވި އެވެ. "ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހައި މައްޗަށް ދިޔައިރުވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖު ކުރަމުން. އަދި އެކަން މަސްވެރިން ވެސް ޝުކުރުވެރިކަމާ އެކު ބަލައިގަނޭ."
އޭނަ ވިދާޅުވީ ނޫސްތަކުގައި އެފަދަ ސުރުޚީތައް ލިޔާ އިރު ކަން އޮތްގޮތް ރަނގަޅަށް ބަލާ ނަމަ ނގަޅުވީހޭ ހިތަށް އަރާ ވަޑައިގަންނަވާ ކަމަށެވެ.
ޝިޔާމު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މުޅި ރާއްޖެ އަށް ވެސް އެންވެރިކަން ރަނގަޅުވާން ފެށުމާ އެކު މަސްވެރިކަން ވެސް އަންނަނީ ވަރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުނުވުމުގެ މަސައްކަތްތައް ވެސް ކުރެވޭނެ. ސަރުކާރުން މި ދަނީ މަސްވެރިންގެ ކަންކަން މިހާލަތުގައި ވެސް ގާތުންބަލައި މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތްކޮށް ދެމުން،" އޭނަ ވިދާޅުވި އެވެ. "އަދި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް ވެސް މަސްވެރިކަމުގެ ސިނާޢާތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަޝްވަރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން."