ޤައުމެއް އުފެދުމާއި، އެ ޤައުމެއްގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އަސްކަރީ ބާރު ވުޖޫދުވެގެންދާ ގޮތަކީ ޝައުޤުވެރި ވާހަކައެކެވެ. މިއީ ސިޔާސީ ޢިލްމާއި ތާރީޚުގެ ތެރެއިން ވަރަށް މުހިންމު ދާއިރާއެކެވެ. ދުނިޔޭގައި 700 އަށްވުރެ ގިނަ ޤައުމު އެބައޮތެވެ. އެއީ ހަމަ އެެއް ބަހަކުން ވާހަކަ ދައްކައި އެއް ސަގާފަތަކަށް ތަބާވާ އަދި އެއް ވިސްނުމަކުން ދުނިޔެ ދެކޭ ޤައުމުތަކެވެ.
އެކަމަކު މީގެތެރެއިން ދައުލަތެއް ލިބިފައި ވަނީ އެންމެ 193 ޤައުމަށެވެ. ދައުލަތެއް ނުލިބިފައިވާ ގިނަ ޤައުމު (Nation) ތަކަކީ ރާއްޖެ (Country) އެއް ލިބިފައި ނުވާ ޤައުމުތަކެވެ. ޤައުމެއް އުފެދި، ރާއްޖެއެއް ކަށަވަރުވެ، ދައުލަތެއް އުފެދޭ ހިސާބަކީ އެ ބައެއްގެ ދިފާޢުގައި ދިފާޢީ ބާރެއް ރަސްމީ ސިފައެއްގެ ގޮތުގައި ވުޖޫދަށް އަންނަ ވަގުތެވެ. ނަމަވެސް ގިނަ ފަހަރަށް އޭގެ ކުރިންވެސް އޮންނަނީ ދިފާޢީ ލަޝްކަރު ވުޖޫދަށް އައިސްފައެވެ. މިނިވަންކަމަށް ޓަކައި މަސައްކަތް ކުރާ ނުވަތަ ޤައުމަށް ރައްކާތެރިކަން ދޭ ހަނގުރާމަވެރި ޖަމާޢަތެއްގެ ގޮތުގަ އެވެ.
1. ދައުލަތެއް އުފެދުން:
ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި (ޚާއްޞަކޮށް 1933 ގެ މޮންޓެވީޑިއޯ ކޮންވެންޝަންގައި) ބަޔާންކުރާ ގޮތުން، ދައުލަތެއްގެ ސިފަ ފުރިހަމަވުމަށް ހަތަރު ކަމެއް ބޭނުންވެއެވެ. އެއިގެ ތެރެއިން އެއް ކަމަކީ ވަކި އިންތަކެއް ކަނޑައެޅިފައިވާ ބިން (Territory) އެކެވެ. މިއީ ރާއްޖެއެއްގެ ގޮތުގައި ފާހަގަކުރެވޭނެ ވަކި ސަރަޙައްދެއް އޮތުމެވެ. ދިވެހިރާއްޖޭގެ ސަރަޙައްދު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުގައި އެވަނީއެވެ.
ދައުލަތެއްގެ ސިފަ ފުރިހަމަވުމަށް ބޭނުންވާ ދެވަނަ ކަމަކީ ދާއިމީ އާބާދީއެއް (Permanent Population) އޮތުމެވެ. އެ ބިމެއްގައި ދާއިމީކޮށް ދިރިއުޅޭ ބަޔަކު ތިބުމެވެ. ދިވެހީންގެ ޤައުމަކީ ދިވެހީންނެވެ. މިތަނުގައި ޤައުމު މާނަކުރެވެނީ މީހުންނަށެވެ. ދިވެހި ރައްޔިތުންނަށެވެ.
ދައުލަތެއްގެ ސިފަ ފުރިހަމަވުމަށް ބޭނުންވާ ތިންވަނަ ކަމަކީ ސަރުކާރެއް (Government) އޮތުމެވެ. މިއީ އެ ބިމާއި ރައްޔިތުންގެ ކަންކަން ބަލަހައްޓާނެ އިދާރީ ނިޒާމެއް އޮތުނެވެ. ދިވެހިރާއްޖޭގައި ނަމަ ދިވެހީންގެ މިލުކެއް ކަމަށް ހަދާފައި މިވާ ދިވެހިރާއްޖެއާއި ދިވެހީން (ދިވެހި ރައްޔިތުން) ގެ އެންމެހައި ކަންތައްތައް ބަލަހައްޓަން ދިވެހީން އުފައްދާފައިވާ ސަރުކާރަކީ ދިވެހި ސަރުކާރެވެ.
ދައުލަތެއްގެ ސިފަ ފުރިހަމަވުމަށް ބޭނުންވާ ހަތަރުވަނަ ކަމަކީ އިސްތިޤްލާލާއި ސިޔާދަތު (Sovereignty) އެވެ. މިއީ ދުނިޔޭގެ އެހެން ބައެއްގެ ނުފޫޒެއް ނެތި އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވުމެވެ.
2. އަސްކަރީ ބާރު ވުޖޫދުވާ ގޮތް:
ޤައުމެއް އުފެދުމަށް ފަހު، ނުވަތަ އުފެދުމުގެ މަރުޙަލާގައި އަސްކަރީ ބާރު ވުޖޫދުވަނީ ތިރީގައިވާ ބޭނުންތަކަށްޓަކައެވެ. މި ބޭނުންތަކަކީ ޤައުމެއް ދެމި އޮތުމަށް ވެސް އެންމެ މުހިންމު ބާރެވެ. މި ގޮތުން ބަލާއިރު އަސްކަރީ ބާރެއްގެ އެންމެ މުގައްދަސް ބޭނުމަކީ ޤައުމީ ދިފާޢު އެވެ. މިއީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި، ބޭރުގެ ޢުދުވާންތަކުން ސަލާމަތްވުމަށް އުފެދޭ ނުވަތަ އުފައްދާ ބާރެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، މިއީ އަމާންކަން ގާއިމުކުރުމަށާއި، ދީނާއި ވަޠަން ދިފާޢުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ދިވެހި ތާރީޚުގައި ދިވެހި ލަޝްކަރުތަކުން ޤައުމުގެ ދިފާޢުގައި ކޮށްފައިވާ ކޮންމެ ހަނގުރާމައަކީ ދިވެހި ދައުލަތް ދިފާޢުކުރުމަށް ކޮށްފައިވާ ހަނގުރާމަތަކެކެވެ. ޒަމާނުއްސުރެ ދެމިގެން އައި އެ ލަޝްކަރަކީ މިހާރުގެ ސިފައިންނެވެ. ދިވެހި ސިފައިންގެ ޚިދުމަތުގެ ދޮށި ކަމަކީ ދިވެހި ދައުލަތުގެ ދޮށިކަމާ ގުޅިފައިވާ އެވޭލާ ތާރީޚެކެވެ.
އަސްކަރީ ބާރު ނުވަތަ އަސްކަރިއްޔާއެއް ވުޖޫދުވާ އަނެއް ސަބަބަކީ ޤާނޫނީ ބާރުވެރިކަން ދެމެހެއްޓުމެވެ. ދައުލަތެއްގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމަށާއި، ބޭރުން ކުރިމަތިވާ އުދުވާނާ ކުރިމަތިލުމަށާއި ދައުލަތުގެ ބާރު ހިނގާކަން ކަށަވަރުކުރުމަށްޓަކައި "މޮނޮޕޮލީ އޮފް ފޯސް" (ބާރުގެ ބޭނުންކުރުމުގެ އެންމެހާ ޙައްޤުތައް އޮތީ ހަމައެކަނި ދައުލަތަށްކަން) ޔަގީންކޮށްދިނުމަށް އަސްކަރިއްޔާއެއް ބޭނުންވެއެވެ.
ޤައުމުތަކުގެ ޤާނޫނު އަސާސީއާއި އަސްކަރީ ޤާނޫނުގައި ވެސް ސިފައިންނާ މަތިކޮށްފައި އޮންނަ އެންމެ މުހިންމު އެއް ޒިންމާއަކީ ޤާނޫނު އަސާސީ ނެގެހެއްޓުމެވެ. މިއީ ދިވެހި ސިފައިންނާ ވެސް މަތިކޮށްފައި އޮންނަ ޒިންމާއެކެވެ. މިއީ ބާރު ބޭނުންކުރުމުގެ އެންމެހައި ޙައްޤުތައް ދިވެހި ދައުލަތަލަށް ލިބިގެންވާކަން ޔަގީންކޮށް ދިނުމެވެ. ބޭރުން އަންނަ ބާރާއި އެތެރޭގައި އުފެދޭ ބާރަކަށް ވެސް ދައުލަތުގެ މައްޗަށް ވެރިވިޔަ ނުދިނުމެވެ.
ޒަމާނީ ފަލްސަފާގައި އަސްކަރިއްޔާއަށް ވެސް ހުދޫދެއް އޮވެއެވެ. ހިތުހުރި ގޮތަކަށް ބާރުގެ ބޭނުންކުރުމުގެ ޙައްޤު ދޫކޮށްލެވިފައެއް ނޯވެއެވެ. މި އިންތައް ކަނޑައަޅަނީ އިދާރީ އަދި ޤާނޫނީ އޮނިގަނޑުންނެވެ. މިގޮތުން ޤައުމުގެ ދުސްތޫރު (ޤާނޫނު އަސާސީ) މެދުވެރިކޮށް އަސްކަރީ ފައުޖުތައް ވަނީ ޤާނޫނީ ސިފަޖެހިފައިވާ މުއައްސަސާއަކަށް ހަދާފައެވެ. މިސާލަކަށް ދިވެހިރާއްޖޭގައި ނަމަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (MNDF) އަކީ ޤާނޫނު އަސާސީން ބާރު ދީފައިވާ މި ޤައުމުގެ އަސްކަރީ ބާރެވެ.
މިއީ އެހެން އެއްވެސް މުއައްސަސާއަކަށް ލިބިދީފައި ނުވާވަރުގެ ވަރުގަދަ އަދި ގަދަފަދަ ބާރެކެވެ. ސިފައިންނަށް މީހުންގެ ފުރާނަ ދުއްވާލެވޭ ލީތަލް އަދި ނޮންލީތަލް ހަތިޔާރު ހަވާލުކޮށް، ދުޝްމަނުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށް ދުޝްމަނުން މެރުމުގެ ބާރު ވަނީ ދީފަ އެވެ.
ކުރީ ޒަމާންތަކުގައި ދިވެހި ދައުލަތުގައި އޮތީ "މޮނޮޕޮލީ އޮފް ފޯސް" އެވެ. އޭރު ބޭރާއި އެތެރޭގެ ހުރިހާ ހަމަނުޖެހުމެއް ކޮންޓްރޯލް ކުރީ ސިފައިންނެވެ. އޭރު ފުލުހުންގެ ޚިދުމަތަކީ ސިފައިން ދޭ ޚިދުމަތެކެވެ. 2004 ވަނަ އަހަރު މި ދެ މުއައްސަސާ ވަކިވުމާއެކު ޒަމާނީ މަފްހޫމާ އެއްގޮތަށް ދެ ބަޔަކަށް ދައުލަތް ހިފަހައްޓާ މި ބާރު ބެހިގެން ދިޔައެވެ. އެއީ "މޮނޮޕޮލީ އޮފް ޕަވަރ' އާއި "މޮނޮޕޮލީ އޮފް ވައިލެންސް" އެވެ. މޮނޮޕޮލީ އޮފް ޕަވަރ އަކީ ޤައުމުގެ އެތެރޭގެ ހަމަޖެހުން ދަމަހައްޓައި ބާރެވެ. މިއީ ދިވެހިރާއްޖޭގައި ނަމަ ދިވެހި ފުލުހުންނެވެ. މޮނޮޕޮލީ އޮފް ވައިލެންސްއަކީ ބޭރުގެ ޤައުމުތަކުން އަންނަ ނުރައްކާތަކާއި ކުރިމަތިލާ ބާރެވެ. އެއީ ދިވެހިރާއްޖޭގައި ނަމަ ސިފައިންނެވެ.
މަތީގައި ބަޔާންކުރި މަފްހޫމަކީ ސިޔާސީ އިލްމާއި ސޯޝިއޮލޮޖީގައި ދައުލަތެއް (State) މާނަކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަފްހޫމެވެ. މި މަފްހޫމް އެންމެ ފުރަތަމަ ތައާރަފްކުރީ މަޝްހޫރު ސޯޝިއޮލޮޖިސްޓް މެކްސް ވެބާ (Max Weber) އެވެ.
3. ތާރީޚީ ގޮތުން އަސްކަރިއްޔާ އުފެދުން:
ގިނަ ޤައުމުތަކުގައި އަސްކަރިއްޔާ އުފެދިފައިވަނީ މިނިވަންކަމުގެ ޖިހާދުތަކާއި ހަނގުރާމަތަކުގެ ތެރެއިންނެވެ. ބޭރުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ތެދުވި ހަނގުރާމަވެރި ގުރޫޕުތައް، ޤައުމަށް މިނިވަންކަން ލިބުމުން އެ ޤައުމުގެ ރަސްމީ އަސްކަރިއްޔާއަށް ބަދަލުވެގެންދެއެވެ.
މި ހާލަތު އަންނަނީ ޤައުމެއްގެ ރައްޔިތުން ނުވަތަ އަސްލުވެހިން އެ ބައިމީހުން ހޯދައިފައިވާ ސަރަހައްދެއްގައި ދިރިއުޅެމުން ދަނިކޮށް އެ ބަޔަކަށްވުރެ ބާރުގަދަ ބަޔަކު އެތަނަކަށް ވެރިވެގަތުމުން ނުވަތަ ވެރިވެގަތުމަށް މަސައްކަތްކުރަން ފެށުމުންނެވެ. މި ހާލަތުގައި އަސްލުވެހިންގެ ތެރެއިން އެ ބައި މީހުންގެ ދިފާޢުގައި ހަނގުރާމަކުރާނެ ޖަމާޢަތްތައް އުފަންވެއެވެ. އެ ބަޔަކަށް ލިބެންހުރި ވަސީލަތްތަކެއް ބޭނުންކޮށްގެން ދުޝްމަނުންނާ ކުރިމަތިލައެވެ.
މި ހަނގުރާމަ ދިގުލައިގެން އެތައް ޒަމާނަކަށް ދިޔަޔަސް އެކުގައި ނަސްލު ނައްތާނުލެވޭނަމަ އާޚިރުގައި ކާމިޔާބު ލިބެނީ ވަޠަނީ ރޫޙަށެވެ. މިހާލަތުގައި އެ ޤައުމަކަށް މިނިވަންކަން ލިބިގެންދާއިރު ޤައުމުގެ އަސްކަރީ ބާރަށް ވަނީ ޤައުމަށް ޓަކައި ހަށިފޮޅާލައިފައި ތެދުވެރި ހަނގުރާމަވެރީންނެވެ.
ދިވެހިރާއްޖެ އުފެދުނު ތާރީޚެއް ދިވެހިތާރީޚުން ފެންނަންނެތުމުން ހަގީގަތުގައި ދިވެހި ސިފައިން އުފެދުނު ތާރީޚެއް ނޭނގޭނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ވެސް ހަމަ މިފަދައެވެ. ނަމަވެސް ތާރީޚީ ފަތްފުށްތަކަށް ބަލައި އެންމެ އެކަށޭނަ ދުވަހެއް ދައުލަތުން ކަނޑައެޅީއެވެ. އެއީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށް ދެއްވި ދުވަހެވެ. ކުރިން ދަންނަވަމުން އައި މަފްހޫމުގައި ދިވެހި ސިފައިންގެ ދުވަހަކަށް ވެސް ވާންވާނީ އެ ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލް އައްވަލް އެއްވަނަ ދުވަހު އެވެ. އެއީ މީލާދީން 1573 ވަނަ އަހަރު ޖުލައި ދެވަނަ ދުވަހެވެ.
އަސްކަރީ ބާރަކީ ދިވެހި ދައުލަތުގެ ތަނބެވެ. އެއީ ޤައުމުގެ އިންތަކާއި، ރައްޔިތުންގެ މުދަލާއި، ދީނާއި، މިނިވަންކަން ޙިމާޔަތްކުރުމަށް ޓަކައި ދައުލަތުގެ ފަރާތުން އުފައްދާފައިވާ އެންމެ ވަރުގަދަ ނިޒާމެވެ. އެހެންކަމުން، ޤައުމެއް ވުޖޫދުވުމާއެކު ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އަސްކަރީ ބާރު ވުޖޫދުވުމަކީ ލާޒިމު ކަމެކެވެ.
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.