Last Updated: June 4, 13:43
Thursday, June 4, 2026
ޚަބަރު

"ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ހާއްސަކޮށްގެން ފުލުހުން ކުރިއަށް ގެންދާ "ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.

މި ރޯޑްޝޯގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ރ. ދުވާފަރުގައި ވަނީ ޓީމް ބިލްޑިން ސެޝަނެއް ބާއްވައިފަ އެވެ. އެ ސެޝަންގައި ފުލުހުންގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި، ދައުލަތުގެ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެފައިވެ އެވެ.

މި މަހުގެ 27 އާ ހަމަައަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު މެސެޖުތައް ހިމެނޭ ބިލްބޯޑުތައް ވެސް ހަރުކުރަން ހަމަޖެހިފައިވެ އެވެ.

"ރައްކާ ރޯޑްޝޯ" ގެ ދަށުން ޒުވާނުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމައުގެ އިސް ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތައް ރޭވިފައިވެ އެވެ. މި ހަރަކާތްތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އެންމެންގެ މެދުގައި އަށަގެންނެވުމާއި، އެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ އިތުރުން، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަކީ އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން އޮވެގެން ހާސިލުކުރެވޭނެކަމެއްކަން ބުނެދީ އެކަމަށް މަސައްކަތް ކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެކެވެ.

މި ޕްރޮގްރާމްގައި ރޯޑް ސޭފްޓީ ވޯކް، ޓީމް ބިލްޑިން ސެޝަންތައް، ބީޗް ބްލާސްޓް އިވެންޓްތައް، ކުއިޒް މުބާރާތްތައް، ވޮލީ އަދި ފުޓްސަލް މުބާރާތްތަކުގެ އިތުރުން ޓްރެފިކް މޮނިޓާސް ޕްރޮގްރާމާއި ފަހިރާސްތާ ޕްރޮގްރާމް ފަދަ ޝައުގުވެރި ހަރަކާތްތައް ހިމެ ނެއެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ "ރައްކާ ރޯޑްޝޯ" އަކީ ސްޕޮންސަރުންގެ އެހީތެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މިހާތަނަށް މާލޭގެ އިތުރުން އަތޮޅުތެރޭގައި އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފަ އެވެ.

މި އަހަރުގެ ރޯޑް ޝޯގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ރ. އަތޮޅުގެ އެކި ރަށްރަށުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފަ އެވެ.