ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ރަސްދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
ރައީސްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ވަޒީރުން ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިރޭ ރަސްދޫގައި ބާއްވާ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަސްދޫން ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީއށް ބޮޑު އަޣުލަބިއްޔަތެއް ލިބި އެ ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި ޑަބްލިއުޑީސީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުވި އެވެ.
އަދި އއ.އަތޮޅުގައި އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި އޮތް އުކުޅަހުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަށެއްގެ ގޮތުގައި ފާހަގަަކުރެވުނު އއ.ތޮއްޑޫއިންވެސް ޕީއެންސީއަށް ތާރީހީ ކާމިޔާބެއް ލިބުނެވެ.