Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ދެން އޮތީ ބާރަށް މަސައްކަތްތައް ދާނެ ދުވަސްތަކެއް

ކުރިއަށް އޮތީ ބާރުމިނުގައި މަސައްކަތްތައް ކުރިއަށްދާނެ ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި ތޮއްޑޫ އާއި ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރަނި ދައްކަމުން، ގައުމު ސަލާމަތްކޮށް އަދި ރަށްރަށުގެ މަޝްރޫއުތައް ތަރުތީބުކޮށްގެން ކުރިއަށްގެންދާ ކަމަށާއި އެގޮތުން ޕްރައިވެޓް ސެކްޓާއަށް މިއިން ޒަމާނަކު ވެސް ހަވާލުނުކުރާ ވަރަށް މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެތެރެއިން ހަތަރު ބިލިއަން ރުފިޔާގެ މަޝްރޫއު ބީއެމްއެލްގެ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ތެރެއިން އެތައް ސަތޭކަ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށާއި އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ވެސް އަސަރުތައް ކުރަމުންދާއިރު، އެކަމުގައި ވެސް ސަރުކާރުން މަސައްކަތް ކުރަނީ ވީ އެންމެ ކުޑަ މިނެއްގައި ރައްޔިތުންނަށް އަސަރު ފޯރާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް ބާރުމިނުގައި، ވަރަށް ހަލުވި މިނުގައި މަސައްކަތްތައް ދާނެ ދުވަސްތަކެއް. މިހާރު މެދުއިރުމަތީގައި މި ހިނގާ ހަނގުރާމައިގެ ސަބަބުން އެ ކުރިމަތިވާ ލޮޅުންތައް އެކަނި މި އަންނަނީ ހުރަސްތަކަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ވެސް ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަސައްކަތްތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށާއި އެކަމާ ގުޅޭގޮތުން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އަލަށް އިންތިހާބުވި ކައުންސިލްތަކުން ވެސް ސަރުކާރާއި އެކީ މަސައްކަތް ކުރަންޖެހޭ ކަމަށާއި ސަރުކާރުން ހުރިހާ ކައުންސިލްތަކަށް އެއްބާރުލުންދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.