Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރެފެރެންޑަމުން ބަލިވީ ޓީމުތަކަށް މަސައްކަތް ނުކުރެވުމުން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ބޭނުންވި ނަތީޖާ ނުލިބުނީ ޕީއެންސީގެ ކެމްޕޭން ޓީމުތަކުން އެކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި ތޮއްޑޫ އާއި ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ވޯޓު ނާކާމިޔާބުވީ އެކި ސަބަބުތަކާއި ހެދި ކަމަށާއި އޭގެތެރެއިން އެއް ސަބަބަކީ ހުރިހާ ރަށެއްގައި މަސައްކަތް ކުރަމުންދިޔަ ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އެކަށީގެންވާ މަސައްކަތެއް އެކަމަށް ކުރެވިފައި ނުވުމުން ކަމަށެވެ.

"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އަޅުގަނޑުމެންނަށް ނެތް ކިޔައިދެވިފައެއް ރައްޔިތުންނަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތައް ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި ރައްޔިތުންގެ ގާތަށް ވޯޓެއް ހޯދަންދާއިރު ވަރަށް ވަރުގަދައަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވާނީ އަބަދުވެސް ގައުމަށް ފައިދާވާ ކަންކަމުގައި ކަމަށާއި މި ވޯޓަށް މާބޮޑު ސަމާލުކަމެއް ކެމްޕޭން ޓީމުތަކަށް ނުދެވުނު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އެ ވޯޓާއި ގުޅިގެން ދޮގު ވާހަކަތައް ފެތުރި ކަމަށާއި ޕީއެންސީއަށް މިކަން ރަނގަޅަށް ކިޔައި ނުދެވުމުން ރައްޔިތުންނަށް ވެސް އޮޅުންއެރީ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ފިލާވަޅު ނަގަންޖެހޭ ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އިންތިހާބުތަކުގައި ރައްޔިތުންނަށް ކަންކަން ކިޔައިދޭއިރު ދާންވާނީ ވަރަށް ސާބިތުކަމާއެކު އިހުލާސްތެރިކަމާއެކީގައި ކަމަށްވެސް ވިދާޅުވި އެވެ.