Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ލޭގެ ގުޅުންގެ ނަމުގައި ލޭ ހަދިޔާކޮށްފި

އިސްލާމިކް ޔުނިވަސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ ފަރާތުން އިންތިޒާމުކޮށްގެން ލޭގެ ގުޅުންގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. އެގޮތުން އައިޔޫއެމްގެ ވަރަށް ގިނަ މުވައްޒަފުންނާއި ދަރިވަރުން ވެސް ލޭ ހަދިޔާކޮށްފި އެވެ.

ސްޓޫޑެންޓް ޔުނިއަނުން ބުނީ ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމީ މި ފަހުން ރާއްޖޭގައި ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި މިއީ އިންސާނިއްޔަތަކަށްޓަކައި ކޮށްދެވޭ ވަރަށް މުހިއްމު ކަމަކަށްވާތީ ކުރިއަށް އޮތް ތަނުގައި ވެސް ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތަކެއް ކުރިއަށް ގެންދާނެ ކަމަށް ސްޓޫޑެންޓް ޔުނިއަނުން ބުންޏެވެ.

މި ފަހުން ބައެއް ކުންފުނިތަކާއި މުއައްސަސާތަކުން ވެސް ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތަކެއް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފެނަކަ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިމެނެ އެވެ.

"ޖޮއިން ދަ ހީރޯސް" ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ގައުމީ ކެމްޕޭނެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ހެލްތު މިނިސްޓްރީން ލޯންޗްކޮށްފައިވެ އެވެ.