Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ފުވައްމުލަކު އާ ކައުންސިލްގެ މެޖޯރިޓީ އަންހެނުންނަށް

ފުވައްމުލައް ސިޓީ ކައުންސިލްގެ އާ ދައުރުގެ މެޖޯރިޓީގައި އަންހެން ކައުންސިލަރުން ހިމެނިއްޖެ އެވެ.

މޭޔަރާ އެކު އެ ސިޓީގައި ތިއްބަވަނީ 8 ކައުންސިލަރުންނެވެ.

އަންނަ މަހުގެ 17 ގައި ހުވާ ކުރަން ހަމަޖެހިފައިވާ ކައުންސިލްގެ އާ ދައުރުގެ އިންތިހާބީ ކައުންސިލަރުންނަށް ބަލާ އިރު، ހަ ކައުންސިލަރުންނަކީ އަންހެން ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހޯދަޑު ދާއިރާ އަށް އިންތިހާބުވި އައިޝަތު އިބްރާހީމާއި މާދަޑު ދާއިރާ އަށް އިންތިހާބުވި ފާތުމަތު މާޝާ އާއި ފުނާޑު ދާއިރާ އަށް އިންތިހާބުވި އައިމިނަތު އިނާޔާ އާއި މާލެގަން ދާއިރާ އަށް އިންތިހާބު ހަދީޖާ މޫސާ އާއި ދޫނޑިގަން ދާއިރާ އަށް އިންތިހާބުވި މަރިޔަމް ޒަހީނާ އަހުމަދުގެ އިތުރުން ދަޑިމަގު ދާއިރާ އަށް އިންތިހާބުވި ޝީޒާ އިބްރާހީމެވެ.

މީގެ ތެރެއިން ޝީޒާ އަކީ މި މަހުގެ 4 ގައި ބޭއްވި އިންތިހާބުގައި ނަތީޖާ އެއްވަރުވުމުން އިއްޔެ ބޭއްވި ދެވަނަ ބުރުގައި ވާދަކޮށް އިންތިހާބުވި ކައުންސިލަރެވެ. ޝީޒާ އަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޝީޒާ އާއި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަބްދުލް ގާދިރަށް ލިބުނީ 484 ވޯޓެވެ.

ޝީޒާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ 595 ވޯޓުންނެވެ.

ފުވައްމުލަކުގެ ސިޓީ ކައުންސިލްގެ އާ ދައުރުގެ މެޖޯރިޓީ އަންހެން ކައުންސިލަރުންނަށް އޮތް އިރު، ކައުންސިލަށް ހޮވިވަޑައިގަތް ފިރިހެން ބޭފުޅުންނަކީ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވި އިސްމާއީލް ރަފީގާއި މިސްކިތްމަގު ދާއިރާ އަށް ހޮވުނު މުހައްމަދު ޟިރާރުގެ އިތުރުން ދިގުނވާޑު ދާއިރާ އަށް ހޮވުނު ހަސަން ޝިރުހާނެވެ.

ޟިރާރަކީ ކުރިން ވެސް ކައުންސިލަރުކަން ކުރެއްވި ބޭފުޅެކެވެ.

ފުވައްމުލަކުގެ ސިޓީ ކައުންސިލް އާ ދައުރަށް ބަލާ އިރު، މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ޝީޒާ ނޫން އެހެން ހުރިހާ އިންތިހާބީ ކައުންސިލަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.