މަޖީދިއްޔާ ސްކޫލަކި އަބަދު ވެސް ރާއްޖޭގެ އެހެން ސްކޫލްތަކަށް ހުރިހާ ގޮތަކުން ވެސް ނަމޫނާއަކަށް ވާން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ ތައުލީމީ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިއަދު ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށް ދެއްވައި މިނިސްޓަރު ވިދާޅުވީ ދުނިޔެ ބަދަލުވަމުން އަންނަ ގޮތާއި ޓެކްނޮލަޖީގެ ގޮތުން އަންނަ ކުރިއެރުންތަކާ އެކު އެ ސްކޫލަކީ މިކަންކަމަށް ވެސް އެހެން ސްކޫލްތަކަށް ނަމޫނާއަކަށް ވާން ޖެހޭ ކަމަށެވެ. އަދި ތަޢުލީމީ ނިޒާމް ކުރިއެރުމަށާއި އަންނަން އޮތް ޖީލަށް ތަޢުލީމް ފޯރުކޮށް ދިނުމަށްޓަކައި މަޖީދިއްޔާ ސްކޫލް ނަމޫނާއަކަށް ވާންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަޖީދިއްޔާގެ 100 އަހަރުގެ ރަމްޒްކޮށް ދިނުމުގެ ޚާއްސަ ބިނާގެ މަސައްކަތް 100 އަހަރު ފުރެންވާއިރަށް ނިންމާ ހުޅުވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރައީސްގެ ޚާއްސަ އިރުޝާދާއެކު އަދި އަޅުގަނޑަށް ދެއްވި ގައިޑެންސްއާއެކު މަޖީދިއްޔާ ސްކޫލްގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން ބިން ނަގާ އެތަނުގައި މަޖީދިއްޔާގެ 100 އަހަރުގެ ރަމްޒްކޮށް ދިނުމުގެ ޚާއްސަ ބިނާގެ މަސައްކަތް މިހާރު ވަނީ ފެށިފައި." ޝަފީޢު ވިދާޅު ވިއެވެ.
ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގަ އެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހު ކުރުމަށް 2024 ގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެގޮތިން ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި އެސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީދު ވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގައި މިނިސްޓަރު ވަނީ ސްކޫލްގެ އާ ވެބްސައިޓާއި ޔޫޓިއުބް ޗެނަލް ވެސް ލޯންޗްކޮށް ދެއްވައިފަ އެވެ.
އެ އެސެމްބްލީގައި އެ ސްކޫލް އެހާރާއި މިހާރުގެ މިހާރުގެ ދަރިވަރުން ބައިވެރިވި އެވެ.
ރާއްޖޭގެ ނިޒާމީ ތަޢުލީމީ އެންމެ ފުރަތަމަ ފެށިގެން ދިޔައީ އޭޕްރީލް 19، 1927 ގައި މަދަރުސަތުއް ސަނިއްޔާ ހުޅުވުމާ އެކީގަ އެވެ. އަދި އެތަނުހެ ނަން މަޖީދިއްޔާ އަށް ން ބަދަލުކުރީ 1947 ގަ އެވެ.
ކުރިން ހަމައެކަނި ފިރިހެން ދަރިވަރުންނަށް ހާއްސަވި ނަމަވެސް 2011 އިން ފެށިގެން މަޖީދިއްޔާ އަކީ ދެ ޖިންސުގެ ކުދިން ކިޔަވަމުން އަންނަ ސްކޫލެވެ. މިހާރު އެތަނުގައި 1،300 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.