މިދިޔަ އަހަރު ރާއްޖޭގެ ބާޒާރަށް ނެރުނު "ފަލަސްތީން ކޯލާ" ގެ ޕްރޮމޯޝަނަލް މަސައްކަތްތަކަށް ވޮލަންޓިއަރުން ހޯދަން އެ ކޯލާ ރާއްޖެ އަށް އެތެރެކޮށް، ޑިސްޓްރިބިއުޓްކުރާ އެމްއެޗްއާރް ޓްރޭޑިންއިން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހުންނަށް ފީއެއް ވެސް ދޭނެ ކަމަށެވެ. އެ ވޮލަންޓިއަރުން މަސައްކަތް ކުރަން ޖެހޭނީ އަންނަ ހޮނިހިރުގައި ބާއްވާ ޕްރޮމޯޝަނަލް ހަރަކާތްތަކުގަ އެވެ.
"ފަލަސްތީން ކޯލާ" ރާއްޖެ އަށް ތައާރަފުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ މެދުތެރޭގަ އެވެ.
މި ކޯލާ އަލީ ފަލަސްތީނުގެ ނަސްލު ނައްތައިލުމުގެ މަގުސަދުގައި ޔަހޫދީން އޮކްޓޯބަރު 7، 2023 ގައި ފެށި ގަތުލުއާންމާ ގުޅިގެން އިޒްރޭލަށް ވާގި ދޭ، ކުންފުނިތަކު ތެރޭގައި ހިމެނޭ ކޮކަ ކޯލާގެ ބަދަލުގައި، އެ ބޮއިކޮޓްކޮށް، ބޭނުން ކުރަން އުފެއްދި ބުއިމެކެވެ.
"ފަލަސްތީން ކޯލާ" އަކީ ސްވިޑްންގައި ދިރިއުޅޭ ފަލަސްތީނުގެ އެއްބަނޑު އެއްބަފާ ބެއިންތަކެއް ވުޖޫދަށް ގެނައި ބްރޭންޑެކެވެ. އެ ކޯލާ ދަޅުގެ ބޭރުގައި ފަލަސްތީނު ރަމްޒުކޮށް ކެފިއާގެ ޑިޒައިނާއި ޒައިތޫނި ފަތްކޯޅީގެ ކުރެހުންތަކެއް ވެސް ހިމަނާފައިވެ އެވެ.
އެމްއެޗްއާރް އިން ބުނެފައި ވަނީ ރާއްޖޭގައި "ފަލަސްތީން ކޯލާ" ވިއްކައިގެން ލިބޭ ފައިދާގެ 100 ޕަސެންޓް ފޮނުވާނީ ފަލަސްތީނަށް އެހީވާން ޗެރިޓީތަކަށް ކަމަށެވެ.