Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އައްޑޫގައި ތެލުގެ އަގު ބޮޑުވުމަކީ ވަރަށް ބޮޑު ތަކުލީފެއް

ހިތަދޫ ލިންކް ރޯޑްގައި ހުންނަ ތެޔޮ ޝެޑް ކައިރީގައި ވެހިކަލްތަކެއް.

އައްޑޫގައި ޕެޓްރޯލާއި ޑީސަލްގެ އަގު އިންތިހާ އަށް ބޮޑުވުމަކީ ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި މިކަމާ ވަރަށް ކަންބޮޑުވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

މި މަހުގެ 10 އިން ފެށިގެން އައްޑޫގައި ތެޔޮ ވިއްކާ ތަންތަނުން ޕެޓްރޯލް ލީޓަރެއް 24.22ރ. ވިއްކަމުން އަންނަ އިރު، ޑީސަލް ލީޓަރެއް ވިއްކަނީ 18.56ރ. އަށެވެ.

ކައުންސިލުން ބުނީ އަމިއްލަ ފަރާތްތަކުން ވިއްކާ ތެލުގެ އަގު ބޮޑުކުރި އިރު، ތަފާސްހިސާބުތަކަށް ބަލާ އިރު، އެފްއެސްއެމުން ޕެޓްރޯލް ލީޓަރެއް 18.56ރ. އަދި ޑީސެލް ލީޓަރެއް 18.68ރ. އަށް ވިއްކާ ކަމަށެވެ. އަމިއްލަ ފަރާތްތަކުން ތެޔޮ ވިއްކަނީ އާންމުކޮށް އެފްއެސްއެމުން ތެޔޮ ގަނެގެންނެވެ.

ނަމަވެސް މިހާރު އައްޑޫގައި ތެޔޮ ވިއްކާ އަގާ މެދު ކަންބޮޑުވުން ފާޅުކޮށް ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަމިއްލަ ކުންފުނިތަކުން ވެސް އެފްއެސްއެމު ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާ ކަމަށެވެ.

"މިއީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް. މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫ ސިޓީގެ ރައްޔިތުން އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެއް." ކައުންސިލުން ބުންޏެވެ.

ކައުންސިލްގެ ބަޔާމުގައި ބުނީ އައްޑޫ ގަމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ ސްޓޭޝަންގައި ބޭނުން ކުރާ މެޝިނަކީ ވަރަށް ދުވަސްވެ ބާވެފައިވާ މެޝިނަކަށްވުމުގެ ސަބަބުން، ޚިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިއޫގައި ތިބެން ޖެހޭކަމުގެ ޝަކުވާ ކައުންސިލަށް މެދުނުކެނޑި ލިބެމުން އަންނަ ކަމަށެވެ.. މިއީ ރައްޔިތުންގެ ވަގުތު ގެއްލި، ދިރިއުޅުމުގެ އާންމު ހާލަތަށް މީގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެއް ކަމަށް ވެސް ބުންޏެވެ.

"އެހެންކަމުން، އައްޑޫ ސިޓީގެ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށާއި، ކުރިން ވެސް އޮތް އުސޫލުން ވީހާވެސް އަވަހަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް މި ކައުންސިލުން އިލްތިމާސްކޮށް ގޮވާލަން." ބަޔާނުގައި ބުންޏެވެ.