ހިތްގައިމު މޮނިއުމަންޓަކާ އެކު ހއ. ތުރާކުނުގެ މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފި އެވެ.
އެ މޮނިއުމަންޓް ރޭ ރަސްމީކޮށް ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ރަށު ކައުންސިލުން ބުނީ އެ މޮނިއުމަންޓް ފަރުމާކުރެވިފައި ވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އޭގެ ޖިއޮގްރަފީ ފާހަގަ އަށް ބަލާ އިރު، ސަމުގާއިން ރަމްޒުކޮށް ދެނީ ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ މޮޅު ނެވިންތަކެއް އުޅުނު ރަށެއްކަން ކަމަށެވެ. މީގެ އިތުރުން މޮނިއުމަންޓްގައި އެކުލެވޭ ހިބަރު ރަމްޒުކޮށް ދެނީ ރަށުގެ މޫސުމީ ހިބަރު މަސްވެރިކަމާއި، ރަށުގެ ރައްޔިތުންގެ ސާބިތުކަމާއި، ހިތްވަރު ގަދަކަމުގެ އިތުރުން އެމީހުންގެ ދިރިއުޅުމާއި ގުޅިފައިވާ އާދަކާދަތަކާއި ވައްޓަފާޅި އެވެ.
މީގެ އިތުރުން އެ މޮނިއުމަންޓުން ރަމްޒުކޮށް ދޭ އަނެއް ކަމަކީ ރާއްޖޭގެ އެންމެ އުތުރު ރަމްޒުކޮށްދޭ، ބިނާ ކަމުގައިވާ އުތުރު ބައްތިގެ ތާރީހު ކަމަށް ކައުންސިލުން ބުންޏެވެ.
މިހާރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އެ ރަށްތައް ރަމްޒުކޮށްދޭ މޮނިއުމަންޓްތައް ހުރެ އެވެ. މީގެ ސަބަބުން ރަށްރަށަށް ޒިޔާރަތްކުރާ މީހުންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބެ އެވެ.