އެމްޑީޕީން ކޮންމެ ރެޔަކު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ މި ސަރުކާރު ގޯސްވެގެން ނޫން ކަމަށާއި އެއީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާތަކަކީ މި ސަރުކާރުން ވަކިކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ.
"އިދިކޮޅު ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގައި. ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް. ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް. ރައީސުލްޖުމްހޫރިއްޔާ ރަނގަޅު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަނގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން. މިމުޒާހަރާތަކަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. ޤުރުބާންވީ ތިމަންނައޭ ބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވަނީ މާލެއާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް އަސާސެ އްނެތި މިގޮތަށް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.